މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމްގެ އާ ރެކޯޑެއް ހަދައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އިއްޔެ ވަނީ ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ. އެގޮތުން އިއްޔެ ވަނީ 7،668 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

މީގެ ކުރިން އެންމެ ގިނައިން އެއް ދުވަހެއްގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެއަށް 7،098 ފަތުރުވެރިން އައިސްފައިވެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 171،982 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 28،468 ފަތުރުވެރިންނެވެ. ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ. އެއީ 18،348 ފަތުރުވެރިންނެވެ. ތިން ވަނައިގައި އުޅެނީ މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި އިންޑިއާއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 13،947 ފަތުރުވެރިންނެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.