އޭނާއަކީ ޓޫރިސްޓުން ގޮވައިގެން އެންމެ ފުރަތަމަ ރާއްޖޭގެ ގޮނޑުދޮށުގައި ފައި ޖައްސާލި މީހާ އެވެ. އިޓަލީއަށް އުފަން ޖޯޖް ކޯބިން އޭރު ރާއްޖެ އައީ އިޓަލީގެ ފޮޓޯގްރާފަރުންތަކެއް ގޮވައިގެންނެވެ. އެއީ 1972 ވަނަ އަހަރެވެ. ރާއްޖޭގައި އޭރު މަސްވެރިކަން ފިޔަވައި އާމްދަނީ ލިބޭނެ އިތުރު މަގެއް ނެތެވެ. ނަމަވެސް މިހާރު އަހަރު އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިންޑަސްޓްރީ ފެށުމުގެ އެންމެ އިސް އެކަކީ ކޯބިން އެވެ.

މިދިޔަ 50 އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ކޯބިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އޭނާއަށް ފެންނަނީ ހައިރާންވާ ފަދަ ކުރިއެރުން ރާއްޖޭ ޓޫރިޒަމަށް އަންނަ މަންޒަރެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކުރާއިރު، އޭގެ ތެރެއިން ބައެއް ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ކޯބިން އަނެއްކާ ވެސް މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 1971 ވަނަ އަހަރުގެ ފަހުން ކޯބިން ރާއްޖެ ވަޑައިގަތް ތިން ވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ވަޑައިގަތީ 2018 ގަ އެވެ.

ކޯބިން އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މަރުހަބާ ވިދާޅުވީ އޭނާއާ އެކު ރާއްޖޭގައި ޓޫރިޒަމް ފެށުމުގައި އިސްކޮށް އުޅުއްވި، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ.

ރާއްޖޭގެ ތައާރަފްކުރުމުގައި މުޙިއްމު ދައުރެއް އަދާކުރި ޖޯޖު ކޯބިންއަށް ވެލާނާ އެއާޕޯޓުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް (ވ) އަދި ހެލްތު މިނިސްޓަރު ނަސީމް މިއަދު މަރުހަބާ ދަންނަވަނީ. ފޮޓޯ: ވެލާނާ އެއާޕޯޓު

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ 50 އަހަރު އައިސްފައިވާ ކުރިއެރުމާ މެދު އޭނާ ހުރީ ހައިރާންވެފަ އެވެ. އެ މަންޒަރު ގަބޫލުކުރަން ކޯބިންއަށް ދަތި އެވެ.

"އަދިވެސް އަޅުގަނޑަށް ސިފަ ވަނީ 70ގެ އަހަރުތަކުގައި މާލެ އޮތް ގޮތް. ސައިކަލާއި ކާރެއް އޭރަކު ނުހުންނާނެ. މަގުތަކުގައި ވެސް ހުންނާނީ ވެލި. އަދިވެސް އެ ހަނދާންތައް އެބަހުރި،" މީގެ 50 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން ކޯބިން މިއަދު ވިދާޅުވި އެވެ. "ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ލިބިފައި މިވާ ކުރިއެރުމަކީ ގަބޫލުކުރަން ދަތި ކުރިއެރުމެއް."

ކޯބިން ރާއްޖެ އަށް ކުރާ ހަ ދުވަހުގެ މި ދަތުރުގައި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައި، އެމެރިކާ މާކެޓް ރާއްޖެ އަށް ފުޅާ ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ކޯބިންގެ މި ދަތުރުގައި ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަދި މި ބައްދަލުވުންތަކާއެކު ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ތައާރަފްކުރުމުގައި މުޙިއްމު ދައުރެއް އަދާކުރި ޖޯޖު ކޯބިންއަށް ވެލާނާ އެއާޕޯޓުން އެމްއޭސީއެލްގެ އިސްވެރިން މިއަދު މަރުހަބާ ދަންނަވަނީ. ފޮޓޯ: ވެލާނާ އެއާޕޯޓު

"މިއީ ހަ ދުވަހުގެ ދަތުރެއް. ބައިވަރު މީޓިންތައް އެބައޮތް. ބައިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކުރުން ވެސް އެބައޮތް. އަހަރެންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮތް އެމެރިކާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް. އެ ގައުމުން މިހާރު ރާއްޖެ އަންނަނީ ހަނީމޫނަށް އަންނަ މީހުން. އެކަމަކު އެއަށްވުރެ ބޮޑު މާކެޓެއް އެއީ،" ކޯބިން ވިދާޅުވި އެވެ.

ކޯބިން މިހާރު މަސައްކަތްކުރަނީ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.

ކޯބިން 1971 ވަނަ އަހަރު ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލައި، ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރެވިދާނެތޯ ބެލުމަށެވެ. އެއަށްފަހު ދެވަނަ ފަހަރަށް 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީގެ ޓޫރިސްޓް ގްރޫޕަކާއެކު ކޯބިން ރާއްޖެއަށް ކުރި ދަތުރަކީ ޓޫރިސްޓުންގެ ގޮތުގައި ބަޔަކު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ތައާރަފްކުރުމުގައި މުޙިއްމު ދައުރެއް އަދާކުރި ޖޯޖު ކޯބިންއަށް ވެލާނާ އެއާޕޯޓުން ޓޫރިޒަމް މިނިސްޓަރު ހެލްތު މިނިސްޓަރު ނަސީމް އަދި އެމްއޭސީއެލްގެ އިސްވެރިން މިއަދު މަރުހަބާ ދަންނަވަނީ. ފޮޓޯ: ވެލާނާ އެއާޕޯޓު

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ރާވައިފަ އެވެ. ބޮޑު އިވެންޓް އޮންނާނީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ ދުވަސް، އޮކްޓޫބަރު 3 ގަ އެވެ.