މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރި ފަސިންޖަރުގެ އަދަދު 73 ޕަސެންޓް އިތުރުވެއްޖެ އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 257،693 ފަސިންޖަރުން ބޭނުންކުރިއިރު، މިދިޔަ މަހު އެ އަދަދު 446،688 އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ 73 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 158،409 އިންޓަނޭޝަނަލް ފަސިންޖަރުން އައިއިރު 163،908 ފަސިންޖަރުން ފުރާފައިވެ އެވެ. މީގެ އިތުރުން 27،822 ފަސިންޖަރުން ޓްރާންސިޓްކުރިއިރު، 46،578 ޑޮމެސްޓިކް ފަސިންޖަރުން ރާއްޖޭގެ އެކި އެއާޕޯޓުތަކުން ވެލާނާ އެއާޕޯޓަށް އައިސްފައިވެ އެވެ. އަދި 49،971 ޑޮމެސްޓިކް ފަސިންޖަރުން އެ އެއާޕޯޓުން ފުރާފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެއާ ޓްރެފިކް މޫވްމަންޓް 4،009 ހުރިއިރު މިދިޔަ މަހު 5،694 އަށް އިތުރުވެފައިވެ އެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އުފުލި ކާގޯގެ މިންވަރު ވަނީ ދަށްވެފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 4،220 ޓަނުގެ ކާގޯ އުފުލިއިރު މިދިޔަ މަހު އެ އަދަދު ވަނީ 4،127 އަށް ދަށްވެފަ އެވެ. މީގެ ތެރޭގައި އިމްޕޯޓްކުރި ކާގޯގެ އަދަދު 2.7 ޓަނުގައި ހުރިއިރު އެކްސްޕޯޓްކުރި އަދަދު ވަނީ 900،479 ޓަނަށް އިތުރުވެފަ އެވެ.