ރާއްޖޭގައި މިހާތަނަށް އޭވިއޭޝަން ދާއިރާއިން ބާއްވާ އެންމެ ބޮޑު އިމަޖެންސީ އެކްސަސައިޒް މިމަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބާއްވަން ނިންމައިފި އެވެ.

އޭވިއޭޝަން ދާއިރާއިން ބާއްވާ މި އެކްސަސައިޒްއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

އެމްއޭސީއެލްއިން ބުނީ މި އިވެންޓަކީ އެއާޕޯޓްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތީ ކަންކަމާއި ގުޅިގެން ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވޭ ހާއްސަ އެކްސަސައިޒެއް ކަމަށެވެ. އެގޮތުން މި އިވެންޓްގެ އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރާއްޖެއަށް އެންމެ ގިނަ ދަތުރުތައް ކުރާ އެމިރޭޓްސް އެއާލައިނެވެ.

މިއީ އެއާލައިނަކުން މިފަދަ އިވެންޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އިވެންޓް ކުރިއަށްދާ ވަގުތު އެއާޕޯޓްގެ ސީ ޕްލޭން ރަންވޭ ފިޔަވައި ދެން ހުރި ރަންވޭތަކުގެ އޮޕަރޭޝަން މަސައްކަތްތައް ދެ ގަޑިއިރަށް މެދުކަނޑާލާނެ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ޗެކިން ކުރުން ފަދަ ހިދުމަތްތައް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި އެކްސަސައިޒްގައި 29 އެޖެންސީއަކުން 400 ވޮލުންޓިއަރުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ގާލް ގައިޑް، ސްކައުޓް އަދި ކެޑޭޓް ފަދަ އެސޯސިއޭޝަންތަކުން ވެސް ބައިވެރިވެ އެވެ. މީގެ އިތުރުން ގްރޭޓާ މާލެ އޭރިޔާއިން ފަސް ހޮސްޕިޓަލަކުން ވެސް މި އިވެންޓްގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، އޭޑީކޭ، ސެނެހިޔާ މެޑިކަލް ހޮސްޕިޓަލް އަދި ޓްރީ ޓޮޕްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވެ އެވެ.

މި އިވެންޓް ކުރިއަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.