މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 43,971 ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ވަނީ 324,742 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 218,472 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު އަންނަނީ 4،776 ޓޫރިސްޓުންނެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން އާންމުކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަދިވެސް އަންނަނީ ރަޝިއާގެ ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 48173 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ވަނީ 36،608 ޓޫރިސްޓުން އައިސްފައެ އެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ޗައިނާގެ ޓޫރިސްޓުންނެވެ

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އިންޑިއާއަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 31،433 ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖެއިން ވަނީ މިއަހަރު ތެރޭ 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒް ހިފައިފަ އެވެ.