އެއާޕޯޓްގައި ހިނގާފާނެ ކުއްލި ޚާލަތަކަށް ތާއްޔާރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގަވާއިދުން ބާއްވާ ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒް، މާދަމާ ހަވީރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެކި ދާއިރާތަކުން 400 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ.

"ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިޙަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމު ކުރާ ޙަރަކާތެއް. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އޭރޮޑްރޯމްގައި އެއާކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމްސީއޭއޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރޭ،" އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓް ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްކާ، މި ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓްކުރުމެވެ. އަދި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެކި އިދާރާތަކާއި، ކަމާ ގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރު ވެސް ވަޒަން ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އެއާޕޯޓުން މާދަމާ ފަށާ އިމަޖެންސީ އެކްސަސައިޒާ ބެހޭ ގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. ފޮޓޯ: އެމްއޭސީއެލް

އެ ކުންފުނިން ބުނިގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭނެ ފުރުސަތަކަށް މި ހަރަކާތް ވެގެންދާނެ އެވެ. އަދި އެމްއޭސީއެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަ އެންޑް ރެސްކިއު ސާވިސަސްގެ ހަރަކާތްތައް މިފަދަ ހަލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

މި ހަރަކާތުގައި އެއަރޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ޙިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެ އެވެ. އަދި މި ހުރިހާ މުއައްސަސާތަކުގެ އިމަޖެންސީ ޕްލޭން ހަރަކާތްތެރި ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާދަމާ ފަށާ އެއާޕޯޓް ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ރަސްމީ އެއާލައިންގެ ގޮތުގައި އެމިރޭޓްސް އެއާލައިން ބައިވެރިވާނެ އެވެ. އަދި ހަރަކާތް ކުރިއަށް ގެންދާއިރު އެމިރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ހަރަކާތްތެރިކޮށް އެއާޕޯޓްގެ އެމަޖެންސީ ސާވިސަސްއާ އެކު ބައިވެވެރިވާނެ އެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަކާތެއްގައި ބައިނަލްއަގުވާމީ އެއާލައިނަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

"މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް ކުރިއަށް ގެންދެވިފައި. މީގެ ތެރޭގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ތަމްރީންތަކާއި ސަލާމަތީ ހިދުމަތްތަކާއި ވޮލެންޓިއަރުންނަށް ވެސް ހިންގުނު ތަމްރީންތައް ހިމެނޭ،" އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ގިނަ މަޝްރުއުތަކެއް ކުރިއަށް ގެންދާއިރު، މީގެ ހަރަކާތުގެ ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓްކުރެވޭނެ އެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ޚާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓްކުރެވޭ އެވެ.

މާދަމާ ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ހަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއާޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެ އެވެ. ނަމަވެސް ބައިނަލް އަގުވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެ އެވެ.