ރާއްޖެއަށް މިމަހުގެ މިހާތަނަށް 78،500 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 78،500 ޓޫރިސްޓުންނެވެ. މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 359،272 އަށް އަރާފަ އެވެ.

މިއަހަރު ފެބްރުއަރީ މަހު 149،008 ޓޫރިސްޓުން އަދި ޖެނުއަރީ މަހު 131،764 ޓޫރިސްޓުން ރާއްޖެ ޒިޔާރާތް ކޮށްފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 49،364 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 40،672 ޓޫރިސްޓުން އަދި އިންޑިއާއިން 36،349 ޓޫރިސްޓުން ޒިޔާރާތްކޮށްފައިވެ އެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަން، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދީ އަރަބިއްޔާ އަދި އޮސްޓްރިއާއިން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،478 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 163 ރިސޯޓުގައި 38،928 އެނދު، 654 ހޮޓެލް، ގެސްޓްހައުސްގައި 12،630 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2920 އެނދެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.