ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމަށް ހަތަރު ބޭފުޅަކު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ މައިދޮރާށި ހިންގާ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު (ޑީސީއޯ)އިންގެ މަގާމަށް މިމަހު ހަމަޖައްސާފައި ވަނީ ހަތަރު ޑިޕާޓްމަންޓެއްގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ހަތަރު ދިވެއްސެކެވެ.

ޑީއޯސީންގެ ގޮތުގައި ހަމަޖެއްސީ ޓާމިނަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ އިބްރާހިމް ހުސެއިން (ދޮނާ) އާއި ޕެސެންޖާ ސާވިސަސް ޑިޕާޓްމަންޓްގެ ހެޑް އަލީ މުޝްތާގު އާއި ކާގޯ ސާވިސަސް ޑިޕާޓްމަންޓްގެ ހެޑް ސުލްތާން ރަޝީދާއި އޮޕަރޭޝަންސް ކޮންޓްރޯލް ސެންޓަރުގެ ހެޑް އިބްރާހިމް ހަރީފެވެ. މީގެ އިތުރުން އެހެން ބައެއް މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވެސް ޕްރޮމޯޝަން ދީފައިވެ އެވެ.

(ކަނާތުން ވާތަށް) އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމަށް ހަމަޖެއްސި ސުލްތާން، މުޝްތާގު، ހަރީފު އަދި އިބްރާހިމް

މި ހަތަރު ޑީއޯސީން ވެސް ރިޕޯޓްކުރަން ޖެހޭނީ ޗީފް އޮޕަރޭޓިން އޮފިސަރު ޑެރެން ވިލިއަމް އަށެވެ.

އެމްއެސީއެލްގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ހަމަޖެއްސުމުން އެ ކުންފުނީގެ އެންމެ އިސް މަގާމުތަކަށް އޭނާއާއެކު ކުރިން މަސައްކަތްކުރި އެކިއެކި މީހުންނާއި ގިނަ އަދަދެއްގެ ބޭރު މީހުން ގެނެސްފައިވެ އެވެ. އަދި އެ ކުންފުނީގެ އިސް މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ތަޖުރިބާކާރު ބައެއް ދިވެހިން ވަނީ މަގާމުން ވަކިކޮށް އަދި އަމިއްލަ ވަކިވެވެފަ އެވެ.

ސީއީއޯގެ މަގާމުގައި ހުންނެވި ގޯޑަންގެ ހިނގުންތެރިކަން ދަށްވުމުން މިދިޔަ ނޮވެމްބަރު މަހު ވަނީ މަގާމުން ވަކިކޮށް، އެކްޓިން ސީއީއޯގެ މަގާމަށް ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ހަމަޖައްސައިފަ އެވެ.

އެމްއޭސީއެލް އިން އެ ކުންފުނީގެ އިސް މަގާމުތަކަށް ބިދޭސީން ގެންނަނީ ބޮޑު މުސާރަ އާއި ވަރަށް ބޮޑެތި އިނާޔަތްތަކާއެކު އެވެ. އެ މީހުންނަށް އެކޮމަޑޭޝަނާއި ދުއްވާނެ ވެހިކަލްގެ އިތުރުން އެއާޕޯޓުގެ ވީއައިޕީ ވެސް ހިލޭ ބޭނުންކުރެ އެވެ.