ރާއްޖޭގައި އެންމެ ކުޑަކޮށް ޓޫރިޒަމް ތަރައްގީވެފައިވާ ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާކުރަން މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި، ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުން ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް ހަދަން އިއުލާނު ކޮށްފައިވާ 21 ރަށުގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަމެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށައަޅާފައިވާ ރަށްތަކަކީ ހއ. އަތޮޅުން ދެ ރަށަކަށާއި، މ. އަތޮޅުން ރަށަކަށާއި، ފ. އަތޮޅުން ދެ ރަށަކަށާއި، ގއ. އަތޮޅުން ރަށަކަށް، ގދ. އަތޮޅުން ދެ ރަށުގެ އިތުރުން ތ. އަތޮޅުން ރަށެކެވެ.

އަދި މިރަށްތަކުގެ ބިޑް ހުށަހަޅާފައިވާ ފަރާތަކުގެ އެކުއިޒިޝަން ކޮސްޓަށް ބަލާއިރު އެ ރަށްތައް ކުއްޔަށް ދީގެން 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޯސްޓްތަކުގެ އެންމެ ދަށް މިންވަރަށް ވުރެ އެވްރެޖްކޮށް 250 ޕަސެންޓް ބޮޑުކޮށް ހުށަހަޅާއިވާ ކަމަށެވެ. އަދި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓަށް ވުރެ 929 ޕަސެންޓް ބޮޑު އަދަދެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކުއްޔަށް ދޭން އިއުލާންކުރި ރަށްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ރީތި އަދި ދަތުރު ކުރަން ފަސޭހަ ރަށްތަކަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ބޮޑެތި އަގުތަކެއް ވަނީ ހުށަހަޅައިފަ އެވެ.

މިފަހަރު ހުޅުވާލާފައިވާ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު އުޅެނީ 200،000 ޑޮލަރާއި 1.5 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ބިޑުގައި 60 ޕަސެންޓް ޕޮއިންޓް ލިބެނީ ބޮޑު އަގަކަށެވެ.

މީގެ ކުރިން ވެސް 16 ރަށެއް ރިސޯޓް ހަދަން ޓޫރިޒަމުން ހުޅުވާލި އެވެ. އެ ރަށްތަކަށް ލިބުނު 13 ބިޑްގެ ތެރެއިން ބީލަން ކާމިޔާބުކުރީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނިން، ހއ. ވެލިފިނޮޅަށް ހުށަހެޅި ބީލަން އެކަންޏެވެ.