ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭ އާއި ކާގޯ ޓާމިނަލް މިއަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ކުރީގެ ސަރުކާރުން ހަދަން ފެށި އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

އާ ޓާމިނަލަށް އަންނަ މަހު ބަދަލުވާއިރު މިވަގުތު ސީޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނީގެ ތެރެއިން މޯލްޑިވިއަން ފިޔަވައި އެހެން ކުންފުނިތަކުން ހިދުމަތްދޭނީ މި ޓާމިނަލްގަ އެވެ. ޓީއެމްއޭގެ އިތުރުން މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ މޯލްޑިވިއަން އާއި މަންޓާ އެއާ އެވެ.

ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓާމިނަލުން ސީ ޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ ޓާމިނަލް ބޭނުންކުރަން ފެށުމާއެކު މިހާރު ޓީއެމްއޭގެ ޓާމިނަލް ހުރި ސަރަހައްދުގެ ފަޅުތެރެއިން ބައެއް ހިއްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. ފޮޓޯ: އެމްއޭސީއެލް

"އެ މަސައްކަތް ނިމި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އާ ރަންވޭއަށް ބޯޓު ޖައްސަން ފެށޭނެ. މިހާރު ވެސް ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ނުޖެއްސި މަތީގައި އޮންނާކަށް ނުޖެހޭ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގައި އަލަށް ހެދި ކާގޯ ޓާމިނަލް ވެސް މި އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެތަނުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.

ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެެވެ.

ކުރީގެ ސަރުކާރުން ހަދަން ފެށި ކާގޯ ޓާމިނަލް ސަރަހައްދުގައި ހަދާ ބަނދަރުގެ ޖެޓީ ހިޔާކޮށް، ބަރު އެއްޗެހި އުފުލުމަށްޓަކައި ހަތް ކްރޭން އިންސްޓޯލް ކުރަން ނިންމާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި އަލަށް ހަދާ ކާގޯ ޓާމިނަލްގެ މަސައްކަތް 2020 ވަނަ އަހަރު ޖޫން މަހު ނަގާފައިވާ ފޮޓޯއެއް. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެއް. ފޮޓޯ: އެމްއ

މީގެ އިތުރުން ފިއުލް ފާމުގެ މަސައްކަތާއި ފަޔާ ފައިޓިން ޕްލެޓްފޯމާއި ޖެޓް ފިއުލް ޓޭންކާއި ޕެޓްރޯލް ޓޭންކްތަކުގެ ހުރިހާ މަސައްކަތެއްހެން ވަނީ ނިމިފަ އެވެ. އަދި ތެޔޮ އެޅުމަށް ހާއްސަ ކުރެވިފައިވާ ޓޭންކްތައް ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ.

އަލަށް ހަދާ އޭވިއޭޝަން ފިއުލް ސްޓޯރޭޖްގައި ބޮޑު ތިން ޓޭންކެއް ހަދާފައިވެ އެވެ. ކޮންމެ ސްޓޯރޭޖެއްގެ ކެޕޭސިޓީއަކީ 15 މިލިއަން ލީޓަރެވެ. އެހެންކަމުން އަލަށް ހަދާ މި ފިއުލް ފާމުން ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެ އެވެ.