ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ދިރާސާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ އެންމެ މުއްސަނދި ކުންފުނީގެ 56 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހުޅުލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެ ކުންފުނިން ހިންގާ ތަރައްގީ މަޝްރޫއުތަކުގެ އިތުރުން އިންސާނީ ވަސީލަތް ކުރިއަރުވައި، މުވައްޒަފުންނަށް ހިންގާ އެކިއެކި ސްކީމްތަކާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުންޏެވެ. ސަރުކާރުގެ އެހެން ކުންފުނިތަކާ ހިލާފަށް އެ ކުންފުނީގެ މުވައްޒަފުންގެ ވެލްފެއާ ކަންތައްތަކަށާއި މުވައްޒަފުންގެ ކުރިއެރުމަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރެ އެވެ.

"މިފަހަރު އަޅުގަނޑުމެންގެ ޕްލޭން އެބައޮތް ދެވަނަ ކުއާޓަރުގައި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ފެށުން އަދި އާ ރަންވޭ އާއި އާ ފަޔަރ ސްޓޭޝަނާއެކުތިން ވަނަ ކުއާޓަރުގައި ބޭނުންކުރަން ފެށުން. ޒަމާނީ ވީއައިޕީ އިމާރާތުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ހުޅުވާލާފައި. އަދި އަޅުގަނޑުމެން ވާހަކަ ދައްކާއިރު ދެވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ އާ ރަންވޭ ވަގުތީ ގޮތުން ބޭނުންކުރުމުން ކުންފުނީގެ ހިންގުން ފަސޭހަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށެވެ. އަދި އެމްއޭސީއެލްގެ އާ ކާގޯ ޓާމިނަލް އާއި އާ ފިއުލް ފާމްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކުރިއެރުމެއްގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެ. އަދި އަޅުގަނޑުމެންގެ އެއާލައިން ޕާޓްނަރުންނާއި ސްޓޭކް ހޯލްޑަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ވަރަށް އަވަހަށް ލިބިގެންދާނެތީ އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަަމަޖެހޭ،" ތޯހާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑީއެމްޑީ ތޯހާ ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ މުވައްޒަފުންނަށް ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތާއި އިޚްލާސްތެރި މަސައްކަތަށް ތައުރީފު ކުރެއްވި އެވެ.

"މި އެއާޕޯޓް ހާސިލްކުރި ކާމިޔާބީއާ މެދު ތިޔައިން ކޮންމެ ބޭފުޅަކާއި އަޅުގަނޑު ވެސް ވަރަށް ފަޚުރުވެރިވަން. އެންމެ ދަތި އުނދަގޫ ދުވަސްވަރު ވެސް މި އެއާޕޯޓަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް އެއާޕޯޓަށް ހެދުމަށް ކުރި މަސައްކަތް ފާހަގަކުރަން،" ތޯހާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ނިމިގެންދިޔައީ ޚާއްސަ ދުއާއަކުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވައިދެއްވީ އޭޕްރީލް 12، 1966 ގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރު އެވެ.