އޭނާ މީގެ ކުރިން ރާއްޖެ އައީ ގާތްގަނޑަކަށް 44 އަހަރު ކުރިންނެވެ. ދުނިޔެއަށް ނުފަރިތަ ދިވެހި ރާއްޖެއިން އޭނާއަށް ފެނުނީ ތަރައްގީއާއި ތަހުޒީބާ ދުރު ރަށްފުށު ސާދާގެ ދިރިއުޅުމެކެވެ.

ނަމަވެސް މިއަދު ރާއްޖޭގެ ބިމުގައި އޭނާ ފައި ޖެއްސިއިރު ހާލަތު އޮތީ މުޅިން ބަދަލުވެފަ އެވެ. ކުރިން ދުނިޔެއަށް ނޭނގި އޮތް މި ފަތުރުވެރިކަމުގެ މަންޒިލް އޮތީ މީހުންނާއިގެން ފުރިފަ އެވެ. މީގެ 44 އަހަރު ކުރިން އާދައިގެ އެއާޕޯޓެއްގެ ގޮތުގައި އޮތް ހުޅުލޭ އެއާޕޯޓު މިހާރު ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީވެފަ އެވެ.

މިއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ދަތުރުފަތުރުގެ ނޫސްވެރިއެއް ކަމަށްވާ ރޮންޑާ ކެރިއަރް ދިވެހި ފަތުރުވެރިކަމުގެ އެހާރާއި މިހާރު ސިފަކުރި ގޮތެވެ.

ރޮންޑާއަކީ ދިވެހި ފަތުރުވެރިކަމުގެ އެންމެ ޅަ ދުވަސްވަރު ރާއްޖެއަށް ޒިއާރަތްކޮށް ފޮރުވިފައި އޮތް މި މަންޒިލްގެ ވާހަކަ ދުނިޔެއަށް ކިޔައިދިން އެއް ޝަހުސިއްޔަތެވެ. އޭގެ 44 އަހަރު ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު އޭނާ މިވަނީ އަލުން ދިވެހި ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ މެޓްރޯގައި ޝާއިއުކުރި ލިޔުމެއްގައި ރޮންޑާ ބުނެފައި ވަނީ މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މި މަސްވެރި ރަށްތަކުގައި މާ ގިނަ ޚިދުމަތްތަކެއް ނެތް ކަމަށެވެ. އެއާޕޯޓާއި ޓެލެފޯނާއި ބޭންކުތަކަކީ ވެސް މި ގައުމަށް ބީރައްޓެހި ހިދުމަތްތަކެއް ކަމަށެވެ.

މީލާދީން 1972 ވަނަ އަހަރު އިޓަލީގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޖޯޖް ކޯބިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކޮށްދިނީ އޭނާގެ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ކޮށްދިނުމުގެ ބޭނުމުގަ އެވެ. އެގޮތުން ރާއްޖޭގެ ބައެއް ހިއްސާދާރުންނާ ގުޅިގެން ކ. ވިހަމަނާފުށީގައި ހުޅުވުނު ފުރަތަމަ ރިސޯޓަކީ ކުރުނބާ މޯލްޑިވްސް ރިސޯޓެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރިސޯޓް: ކުރުނބާ މޯލްޑިވްސް

އޭގެ ހައެއްކަ އަހަރު ފަހުން ރޮންޑާއާއި އޭނާގެ އާއިލާ ރާއްޖެއަށް ޒިއާރަތްކުރީ މޮރިޝަސްއާއި ސީޝެލްސް ފަދަ އެހެން ގައުމެއް އޮތް ކަމަށް އެމީހުންގެ ޓުއާ އޮޕަރޭޓަރު ލަފާ ދިނުމުން އެ މަންޒިލް ތަޖުރިބާ ކޮށްލުމަށެވެ.

އޭރު އުމުރުން އެންމެ ހައަހަރުގެ ރޮންޑާއަށް މި މަންޒިލުން ފެނުނީ ތަފާތު މަންޒަރެކެވެ. ފަތުރުވެރި މަންޒިލަކުން ލިބެން ހުންނަ ޚިދުމަތްތައް ލިބެން ނެތް އިރު އާއްމު ދިރިއުޅުން ވެސް ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ފަން ޖިފުޓިތަކުގައި ދިރިއުޅެމުން ދިޔައިރު ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކަށް އޮތީ މަސްވެރިކަމެވެ.

"ކުރާނެ ކަމެއް ނެތި އަހަރުމެން ރިސޯޓުގެ މަގުމަތީގައި އުޅުނީ،" އެ ލިޔުމުގައި ރޮންޑާ ބުނެފައިވެ އެވެ.

1978 ވަނަ އަހަރު ރޮންޑާގެ އާއިލާ ރާއްޖެއަށް ކުރި ދަތުރުގެ ތެރެއިނު ރޮންޑާއާއި އޭނާގެ ބޭބެ ކުރުނބާ މޯލްޑިވްސްގެ ކޮޓަރިއެއް ކައިރީގައި އިށީންދެލައިގެން

ނަމަވެސް އެއާ ޚިލާފަށް މިއަދު ރޮންޑާ ހަމަ އެ ރިސޯޓަށް ޒިޔާރަތްކުރި އިރު މަންޒަރު ވަނީ ބަދަލުވެފަ އެވެ. ލަކުޑިންނާއި ފަނުން ހަދާފައި ހުރި ކޮޓަރިތައް މިހާރު ހުރީ އެންމެ ފަހުގެ ޚިދުމަތްތަކާއެކު ފަރުމާ ކުރެވިފަ އެވެ. ކުރިން ކުރާނެ ކަމެއް ނެތި އުޅެން ޖެހުނު އެ ރިސޯޓުގައި މިހާރު ފަތުރުވެރިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިފައި ހުއްޓެވެ.

"ރިސޯޓު ތަރައްގީވެފައި ވަނީ ފާހަގަ ކުރަން ވެސް އުނދަގޫވާ މިންވަރަށް،" ރޮންޑާ ބުނެފައިވެ އެވެ.

ރޮންޑާ މިފަހުން ރާއްޖެއަށް ކުރި ޒިއާރަތުގެ ތެރެއިން ކުރުނބާ މޯލްޑިވްސްގެ އުނދޯއްޔެއްގައި

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަ ކުރަމުންދާއިރު މިއަދު ރާއްޖޭގެ 26 އަތޮޅުގައި 200 އަށްވުރެ ގިނަ ޓޫރިސްޓް ރިސޯޓުތައް ތަރައްގީ ކުރެވިފައިވެ އެވެ. އަދި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަޝްރޫއުތައް ހަލުވިކަމާއެކު މިހާރުވެސް ކުރިއަށްދެ އެވެ. ކޮވިޑް ޕެންޑެމިކްއާއެކު ވެސް 2021 ވަނަ އަހަރު ދިވެހި ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.

ރޮންޑާ އިތުރަށް ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައި އޮތް މިންވަރަކީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ޚިދުމަތްތައް ކަމަށްވާ ކަނޑުއަޑީގެ ރެސްޓޯރެންޓްތަކާއި ފްލޯޓިން ކޮޓަރިތައް މިހާރު ރާއްޖެއިން ލިބެން ހުރުމެވެ.

ރޮންޑާ ރާއްޖެއަށް ކުރި ދެ ދަތުރުގައި ވެސް އޭނާގެ މަންޒިލަކަށްވީ ކުރުނބާ މޯލްޑިވްސް އެވެ. އެއީ ފެމިލީ ރިސޯޓެއްގެ އިތުރުން ހަނީމޫން ރިސޯޓެއްގެ ގޮތުގައި ވެސް ފަތުރުވެރިންގެ މެދުގައި މަގުބޫލު ހޮވުމެކެވެ. އެއާޕޯޓާ އެންމެ 10 މިނެޓު ދުރުގައި އޮންނަ ކުރުނބާ މޯލްޑިވްސްއިން މިއަދު ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ލިބޭ ކަމަށް ރޮންޑާ ބުނެފައިވެ އެވެ.

ކުރުނބާ މޯލްޑިވްސް: މި ރިސޯޓުން ފަތުރުވެރިންނަށް ހާއްސަ ގިނަ ހިދުމަތްތަކެއް ލިބޭ

ރޮންޑާ ވަނީ ރާއްޖެއަށް އޮތް ތިމާވެށީގެ ގޮންޖެހުމަށް އޭނާގެ ލިޔުމުގައި އަލިއަޅުވާލާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު އިސްކަމެއް ދެވިފައި އޮތް ނަމަވެސް ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް އޮތް ގައުމެއް ކަމުން ފަތުރުވެރިކަމުގެ ނޭދެވޭ އަސަރު ތިމާވެށްޓަށް ކުރުން ގާތް ކަމަށް ރޮންޑާ ބުނެ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވެން އޮތީ ލޯކަލް ޓޫރިޒަމް ކުރިއަރުވައިގެން ކަމަށް ރޮންޑާ ބުނެފައިވެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ކުރަމަތި ރިސޯޓު ކައިރީގައި އޮންނަ އއ. ރަސްދޫ އެވެ. ފަތުރުވެރިކަމުން މިރަށްތަކަށް ފައިދާ ކުރާ މިންވަރު ރޮންޑާ ފާހަގަ ކޮށްފައިވެ އެވެ.

"އުފާވެރި ޚަބަރަކީ މި އަހަރަކީ ލޯކަލް ޓޫރިޒަމް ކުރިއަރުވަން އަމާޒު ހިފާފައިވާ އަހަރަކަށް ވުން،" ރޮންޑާ ބުނެފައިވެ އެވެ.

ކޮންމެ އަކަސް ރޮންޑާގެ މި ލިޔުމަކީ ދިވެހި ފަތުރުވެރިކަމުގެ އެހާރާއި މިހާރު ވަރަށް ސާފުކޮށް ކުރަހައިދޭ ކުރެހުމެކެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ފާހަގަ ކުރާއިރު އެ ދާއިރާއަށް އައިސްފައިވާ ތަރައްގީއާއި ކުރިއެރުން ދައްކުވައިދޭ ޝައުގުވެރި ލިޔުމެކެވެ.