ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓު (އެމްޑީ) ގެ މަގާމަށް މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ.

ވީއައިއޭގެ ބައެއް ކަންކަން ވިލަރެސް ކުރެއްވުމުގައި ވެސް އިސްކޮށް އުޅުއްވި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު، އެމްއޭސީއެލް ހިންގުމާ ހަވާލު ކުރެއްވިކަން ވަނީ ކޯޕަރަޓައިޒޭޝަން ބޯޑުން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

މަހުޖޫބްއަކީ ވީއައިއޭ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ އައްޔަން ކޮށްފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ތޯހާ ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސިވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ.

އެ މަގާމުން އެންޑްރޫ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 ގަ އެވެ. އޭގެ ފަހުން މިއަދު އެމްއޭސީއެލް އަށް އާ އެމްޑީއެއް ހަމަޖެއްސެވިއިރު، ސީއީއޯގެ އަދި ބޭފުޅަކު ހަމައެއްނުޖައްސަވަ އެވެ.