މިމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،162 އަށް ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު އުޅުނީ 4،843 ގަ އެވެ. ނަމަވެސް މިމަހު އެ އަދަދު ވަނީ 4،162 އަށް ދަށްވެފައި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިސްޓުން އަންނަ އަދަދު މަދުވެފައި ވަނީ ޓޫރިޒަމްގެ ލޯ ސީޒަނަށްވެފައި، ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ދެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމުންނެވެ. މިދިޔަ އަހަރާއި މި އަހަރުގެ މާޗް މަހާ ހަމަޔަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާ މިހާރު ވަނީ ތިންވަނައަށް ވެއްޓިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 104،046 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 86.5 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއީ 2019 ވަނަ އަހަރުގެ މެއި މަހުގެ އެ މުއްދަތާ އަޅާބަލާއިރު 22.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ބަލާއިރު ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ 7.2 ދުވަހަށް ދަށްވެފަ އެވެ. މިދިޔަ މަހު އެ މުއްދަތު އުޅުނީ 8.1 ގަ އެވެ.