ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގައި އަލަށް ހެދި ޒަމާނީ ފެންވަރުގެ ސީޕްލޭން ޓާމިނަލް، އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނިތަކުން ހުރިހާ ހިދުމަތްތަކާއެކު އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށަން އެމްއޭސީއެލް އިން ހަމަޖައްސާފައި އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ވަކި ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

އެތަން ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ވަނީ ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާ ޓެސްޓް އަދި ޓްރަޔަލްތަކެއް ފަށައިފަ އެވެ.

އެތަން ރަސްމީކޮށް ނުހުޅުވި ނަމަވެސް ޓީއެމްއޭ އާއި މަންޓާގެ އޮފީސްތައް ވެސް މިހާރު އެތަނަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެކި ހިދުމަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ އެމްއޭސީއެލް އިން އަންނަނީ ޓެސްޓްކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. ފޮޓޯ: އެމްއޭސީއެލް

މިގޮތުން އަލަށް ހެދި ޑޮކް އަދި ޕެސެންޖާ ފްލޯ ވެސް އަންނަނީ ޓެސްޓްކުރަމުންނެވެ.

ކުރީގެ ސަރުކާރުން ހުޅުލޭ ފަޅުން ބިން ހިއްކައިގެން ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

އެމްއޭސީއެލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރި މި ޓާމިނަލްގައި ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.

އާ ޓާމިނަލް މިވަގުތު ބޭނުންކުރާނީ ޓީއެމްއޭ އާއި މަންޓާ އެކަންޏެވެ. މޯލްޑިވިއަނުން ބޭނުންކުރާނީ އެ ކުންފުނިން ހަދާފައިވާ އަމިއްލަ ޓާމިނަލެވެ.