ޓޫރިސްޓް ހޮޓާ ބްރޭންޑްތަކުގެ އެންމެ ލަގްޒަރީ އެއް ބްރޭންޑް، "ބުލްގާރީ"ގެ ރިސޯޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.

ބުލްގާރީ ބްރޭންޑްގެ ހޮޓާތައް ހުޅުވާފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އާއި ފްރާންސްގެ ޕެރިހުގަ އާއި އިޓަލީގެ މިލާނޯގަ އާއި އިންޑޮނޭޝިއާގެ ބާލީ އަދި ޔުއޭއީގެ ދުބާއީ ފަދަ ވަރަށް މަދު ސިޓީއެއްގަ އެވެ. މި ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަކީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން އާ ހަރުފަތަކަށް ގިރާކުރުން ފަދަ ކަމެއް ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ މަތީ ފަންތީގައި ހިމެނޭ ބްރޭންޑްގެ ރިސޯޓެއް ހުޅުވަނީ ރ. ފުއްގިރީގަ އެވެ. އެ ރަށުގެ ނަން "ރަންފުށި"ގެ ނަމަށް ބަދަލުކުރުމަށްފަހު ބުލްގާރީގެ ރިސޯޓެއް ހުޅުވަން އެ ކުންފުނިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބުލްގާރީ ހޮޓެލްސް އެންޑް ރިސޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި އެ ކުންފުނީގެ "13 ވަނަ މުތުގެ ގޮތުގައި" އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ 2025 ވަނަ އަހަރު ކަމަށެވެ.

އަގުބޮޑު ގަހަނާ އާއި ގަޑި އާއި ސެންޓު ފަދަ ތަކެތި އުފައްދާ މަޝްހޫރު ބްރޭންޑުން "ބުލްގާރީ ރިސޯޓް ރަންފުށި" އެ ކުންފުނިން މާނަކޮށްފައި ވަނީ "ކުޑަ ރަންފުށި"ގެ ގޮތުގަ އެވެ.

އެ ރިސޯޓު ހުޅުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ސީ ޕްލޭންގައި ދެވޭ ރާސްތާގައި، ރާއްޖޭގެ އެންމެ ހިތްގައިމު އެއް ރަށުގައި އެ ކުންފުނިން ބުނެ އެވެ. އެ ރަށުގެ ވަށައިގެން ވަނީ ސާފު ނޫވިލަކާއި، ގުދުރަތީ ބަގީޗާތަކުން ފުރިހަމަވެފައިވާ މި ރިސޯޓު 20 ހެކްޓަރުގެ ސަރަހައްދަކަށް ފެތުރިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ރިސޯޓުގައި 54 ކޮޓަރި ހިމެނޭއިރު އޭގެ ތެރޭގައި ވަކި ރަށެއްގައި ބުލްގާރީ ވިލާއަކާއި، އިންޑިވިޖުއަލް ސުވިމިން ޕޫލާއި، 20 އޯވާ ވޯޓާ ވިލާގެ އިތުރުން ލަގްޒަރީ ހޮޓެލް ފެސިލިޓީތައް ހިމެނޭ ގޮތަށް 33 ބީޗް ވިލާ ހިމެނޭނެ ކަމަށް ބުލްގާރީ ހޮޓެލްސް އެންޑް ރިސޯޓުން ބުނެ އެވެ.

އެ ކުންފުުނިން ބުނީ އިޓަލީގެ އާކިޓެކްޗަރަލް ފާމެއް ކަމަށްވާ އޭސީޕީވީ އާކިޓެކްޓްސް، އެންޓޯނިއޯ ސިޓްރިއޯ ޕެޓްރީޝިއާ ވިއެލް، ބުލްގާރީ ރިސޯޓް ރަންފުށިން ރާއްޖެއަށް ތައާރަފު ކުރާނީ ބުލްގާރީ ހޮޓެލްގެ އެހެން އެއްވެސް ހޮޓެލެއްގައި ނެތް އެންމެ ޒަމާނީ ސްޓައިލްގެ ޑިޒައިން ކަމަށެވެ.

ބުލްގާރީ ހޮޓެލްސް އެންޑް ރިސޯޓުން ބުނީ އެ ރިސޯޓުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެންމެ މަތީ މިންގަނޑުތައް ހިމަނާނެ ކަމަށާއި އޭގެ ތެރޭގައި ހާލި ހަދައިގެން ދިރިއުޅޭ ދޫނީގެ އާބާދީ ބޭތިއްބުމަށް އާ ރަށެއް ވެސް ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން މި ރިސޯޓުގައި ބުލްގާރީ ބާއަކާއި، ކައިރީގައި ފިޓްނަސް ސެންޓަރަކާއި، ޔޯގާ ޕެވިލިއަންއެއްގެ އިތުރުން ޕްރައިވެޓް ލައިބްރަރީއެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ވަރަށް ބޮޑަށް ކިއުރޭޓެޑް ބުލްގާރީ ބުޓީކް އަދި ލަ ގެލެރިއާ، ކޮންސެޕްޓް ސްޓޯރެއް ހިމެނޭއިރު، ގެސްޓުންނަށް އިންޓަނޭޝަނަލް ޑިޒައިނަރުންގެ ފަރާތުން އެންމެ މަތީ ފަންތީގެ ސެލެކްޝަނެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.