މިދިޔަ ޖޫން މަހު މީރާއަށް 2.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިދިޔަ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 74.1 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ޖޫން މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކްތަކުން އަދި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަނެއް ސަބަބަކީ، މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވާ ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާ ދިމާވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހަށް ފަސްކުރުމުގެ ސަބަބުން، މިދިޔަ އަހަރުގެ ޖޫން މަހު އާންމުކޮށް ލިބެންޖެހޭ އާމްދަނީ މިދިޔަ އަހަރުގެ ޖުލައި އަށް ފަސްވުމެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު، މި އަހަރުގެ މެއި މަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 94.3 ޕަސެންޓް އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ. މި ކަމުގެ ސަބަބުން ޓިޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މި ސަބަބު ތަކުގެ އިތުރުން، ސަރުކާރުން އަލަށް ކުއްޔަށް ދޫކުރި ރަށްރަށުގެ ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީ މިދިޔަ ޖުލައި މަހު ގައި ލިބިފައިވުމުން އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

ޖޫން 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 36.5 ނުވަތަ 846.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 26.2 ނުވަތަ 607.18 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީ ގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ ޖޫން މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.