ޓެކްސްގެ މުހިންމު ސުންގަޑިތަކެއް ސަރުކާރު ބަންދާ ދިމާވާތީ އެކަމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިލްތިމާސްކޮށްފި އެވެ.

މީރާއިން ބުނީ މިމަހުގެ 31 ވަނަ ދުވަހު ޓެކްސްގެ ގިނަ ސުންގަޑިތަކެއް އަންނަކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އާއި، ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ.

މީގެއިތުރުން ޖޫން 2022ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އާއި ޖޫން 2022 ގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ.

އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުންނެވެ. އަދި، 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އެވެ.

މި ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެ އެވެ. ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީ ވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއްކަމުގައި ވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުން ވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް މީރާއިން އެދެއެވެ.