ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ބޯނަސް ބަހަން ނިންމައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުނިން 2021 ވަނަ އަހަރުގެ ބޯނަހުގެ ގޮތުގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ވަނީ ނިންމައިފަ އެވެ.

އެންމެ ފަހުން އެ ކުންފުނިން މުވައްޒަފުންނަށް ބޯނަސް ދީފައި ވަނީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު އެވެ.

އެ ފަހަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ދިނީ 7،870.79ރ. އެވެ. މި އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ދޭ ބޯނަހަކީ އެ އަހަރާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި 25،000ރ. ލިބޭނީ 2021 ވަނަ އަހަރު އެއްކޮށް އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންނަށެވެ. އަދި މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ. އެކަމަކު، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކަށް ބޯނަހެއް ނުލިބޭނެ އެވެ.

އެމްއޭސީއެލުން އެ ތަނުގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބޯނަސް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން މުވައްޒަފުންނަށް ދެމުން ގެންދިޔަ ބޯނަސް މެދުކެނޑުނީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްތަކުގައި ވެސް އެއްވެސް މުވައްޒަފަކަށް މުސާރަ ކުޑަނުކޮށް މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.