ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އޯރަޓް (އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ) ޑިރެކްޓަރުގެ މަގާމަށް އިންޑިޔާ މީހަކު ހަމަޖައްސައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ އޯރަޓް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މަޖޫ ޗެރިއަން ކިޔާ މީހެކެވެ.

އޭނާއަކީ އެ ކުންފުނީގެ އާ ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓާއެކު ބަހުރައިންގައި މަސައްކަތް ކުރި މީހެއް ކަމަށް ވެސް އެނގިފައިވެ އެވެ.

އެކުންފުނިން ނެރުނު ދެންނެވުމެއްގައި ވަނީ ޗެރިއަން އެކުންފުންޏާ ގުޅުނީ އެއާޕޯޓް މެނޭޖްމަންޓް އަދި އޯރަޓް ދާއިރާގައި 22 އަހަރު އިންޑިޔާ އާއި ބަހްރައިންގައި މަސައްކަތްކޮށްފައި ކަމަށެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ ބަހްރައިން އެއާޕޯޓް ކޮމްޕެނީގެ އޯރަޓް ޕްރޮގްރާމް މެނޭޖަރަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ވީއައިއޭއަށް ޒަމާނީ ބަދަލުތައް ގެނެސް ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުންދާ މިވަގުތުގައި ޗެރިއަންގެ ތަޖުރިބާއިން ފައިދާ ކުރާނެ ކަމަށާއި، ކުންފުނީގެ މެނެޖްމަންޓާއި މުވައްޒަފުންގެ ނަމުގައި އޭނާއަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

މިކަމާގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤާބިލް އެތައް ދިވެހި ދަރިން ތިއްބާ އަދި ދިވެހި އެތައް ދަރިންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މަޤާމްތަކަށް ބިދޭސީން، ހާއްސަކޮށް ވަކި ގައުމެއްގެ ބަޔަކު ޖަމާކުރާ ކުރުމާ ދޭތެރޭ ނުހަނު ކަންބޮޑުވާ ކަމަށެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އޯރަޓް ޑިރެކްޓަރަކަށް ޗެރިއަން ހަމަޖައްސާފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓީވާޓްއާއެކު މަސައްކަތް ކޮށްފައިވާ ބައެއް ބޭރުގެ ފަރާތްތަކަށް ކުންފުނީގެ މަގާމްތައް ދިނުމާއި އެކިއެކި ޕްރޮޖެކްޓްތައް ދެމުންދާކަމުގެ ޝަކުވާތައް ފަހަކަށް އައިސް ކުންފުނީގެ ބައެއް އިސް މުވައްޒަފުންގެ ފަރާތުން އިވެމުންދެ އެވެ.

މަޖޫ ޗެރިއަން މި މަގާމަށް މިއަދު ހަމަޖައްސާފައިވާކަން އެނގިފައިވާއިރު، އޭނާގެ މުސާރައަކީ ކިހާވަރެއްކަން އަދި ސާފެއް ނުވެ އެވެ.