ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރި އަދަދަށް ޓޫރިސްޓުންގެ އަދަދު ހަމަވެ، 1.6 މިލިއަން ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

1.6 މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނީ މެންދުރު ޖެއްސި އިންޑިގޯ ފްލައިޓުގައި މުމްބާއީން އައި އިންޑިއާގެ ތެޖާސް ސަންޖޭ ކޮތާރީ އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފަ އެވެ.

1.6 މިލިއަން ވަނަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސް ބޭފުޅުން އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި އެވެ.

މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނިން ބުނީ ޓެޖާސް އާއި އޭނާގެ އަނބި މީހާ ރާއްޖެ އައީ ހަނީމޫން ހޭދަކުރުމަށް ކަމަށެވެ.

އެއާޕޯޓުގައި ހުރެ ސަންޖޭ ބުނީ ރާއްޖޭގެ ފޮޓޯތައް އަބަދުވެސް ސޯޝަލް މީޑިއާއިން ފެންނަ ކަމަށާއި އަދި އޭނާ އަބަދުވެސް ހަނީމޫން ހޭދަކޮށްލަން އަންނަން ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށް އޭނާ ވަނީ ބުންޏެވެ.

"ރާއްޖޭގެ ފޮޓޯތައް އަބަދުވެސް ފެންނައިރު ވަރަށް ރީތި އަދި ވަރަށް އަމާން އަދި ރާއްޖެއަށް ވަރަށް ގިނަ މަޝްހޫރު މީހުން ވެސް އާދޭ. އެހެންވީމަ އަހަރެމެންނަށް ވިސްނުނީ މިއީ ހަނީމޫން ހޭދަކޮށްލަން އަންނަން ހަމަ އެންމެ ރަނގަޅު މަންޒިލް ކަމަށް،" ސަންޖޭ ބުންޏެވެ.

މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް ނައިބު ރައީސް ފައިސަލް ނަސީމް އެއާޕޯޓުން ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

މިއަހަރު ރާއްޖެއައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް އާއި އެމްއެމްޕީއާރުސީގެ އިތުރުން އިމިގްރޭޝަނުން ވަނީ ޚާއްސަ ހަދިޔާތަކެއް ދީފަ އެވެ. އަދި ލަކްސް ސައުތު އަރި އެޓޯލްއިން ވަނީ ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފަ އެވެ.

މި ޓޫރިސްޓް އެއް ހަފްތާގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ޓޫރިސްޓްގެ ލަގަބު އިންޑިއާ މީހަކަށް ލިބިފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޓޮޕް މާކެޓަކީ ވެސް އިންޑިއާ އެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 224،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެއާޕޯޓުން ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަކަށް އައިސްފައި ވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،685 ޓޫރިސްޓުން އާދެ އެވެ.

މިއަހަރު ކަނޑައަޅާފައި ވަނީ އަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލްކުރުމަށެވެ.