އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 214،985 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 163،684 ޓޫރިސްޓުންނާ އަޅާ ބަލާއިރު 31.3 ޕަސެންޓް އިތުރު އަދަދެކެެވެ.

މިހާތަަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ:

  • ޖެނުއަރީ - 172،532 ޓޫރިސްޓުން
  • ފެބްރުއަރީ މަހުގެ 7ގެ ނިޔަލަށް – 31،922 ޓޫރިސްޓުން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6،064 ޓޫރިސްޓުން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ

  • ރަޝިއާ – 27،960 ޓޫރިސްޓުން
  • އިންޑިއާ – 23،422 ޓޫރިސްޓުން
  • އިޓަލީ 20،513 ޓޫރިސްޓުން

މިދިޔަ މަހު ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެ ގައުމުން ވެސް މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށައިފަ އެވެ. އެގޮތުން ޗައިނާއަކީ ރާއްޖެއަށް މިހާރު 8 ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 6،563 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.