ރިސޯޓްތަކުގައި އޮންނަ ކުންފުނިތަކުގެ ހިއްސާ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާނުލާ ވިއްކާލެވޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

"ހިއްސާ ބަދަލުކުރުމާ ބެހޭ" ދެ މާއްދާއެއް މިހާރު ގަވާއިދުން ވަނީ އުވާލާފަ އެވެ. އުވާލާފައިވާ ދެ މާއްދާއަކީ ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާ ނަމަ، އެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ މާއްދާއާއި، ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުމެވެ.

ޓޫރިޒަމް މިނިސްޓްރީން ގަވައިދު ބަދަލުކޮށްފައި މިވަނީ ރަށްތަކެއްގެ ބީލަން ހުޅުވާލާފައި ވަނިކޮށެވެ.

މިދިޔަ މިދިޔަ މަހުގެ 23ވަނަ ދުވަހު ކުރިން އެ މިނިސްޓްރީން ވަނީ ރަށްތަކާއި ފަޅެއް ހިމެނޭހެން 14 ތަނެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހަޅަން އިއުލާންކޮށްފަ އެވެ.

މިހާރު ވެސް އަށް އަތޮޅަކުން ފަތުރުވެރިކަމުގެ 13 މަޝްރޫއެއް ވަނީ ހުޅުވާލާފަ އެވެ.