ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުން ލައިސަންސްގެ ދެ ކޯހެއް ފަށައިފި އެވެ.

މި ކޯސް ކުރިޔަށް ދާނީ ފެބްރުއަރީ 21 އިން އަންނަ އޭޕްރިލް 17 ގެ ނިޔަލަށެވެ.

މި ކޯސްތަކަކީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ.

މިއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ތަމްރީނުގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވެ އެވެ. އެގޮތުން އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހުގައި ހަ ދަރިވަރުންނާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހުގައި ހަ ދަރިވަރަކު ބައިވެރިވެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ލައިސަންސް ދިނުމުގެ ކޯސް އެމްއޭސީއެލް އިން ކުރިޔަށް ގެންދަނީ. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނިގޮތުގައި މި ތަމްރީނުތައް ކުރިޔަށް ގެންދަނީ ފެންވަރު ރަނގަޅު އިންސްޓްރަކްޝަނަކާއި އުނގެނުމުގެ ހަރުދަނާ ނަތީޖާތަކެއް ހޯދުމުގެ ގޮތުން ބައިނަލްއަގްވާމީ ޓްރެއިނަރުންގެ ޓީމަކާއި ލޯކަލް ޓްރެއިނަރުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އަދި މި ކޯހަކީ އެ ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ވީއައިއޭގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރު އެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ. ކޮންޓްރޯލަރުގެ ހުނަރާއި އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އޭޓީސީ ލައިސަންސް ލިބުމަށްފަހު، ގަވާއިދުން ރިފްރެޝާ ޓްރެއިނިން ހަދަން ޖެހެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ލައިސަންސް ދިނުމުގެ ކޯހުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ކަމާ ބެހޭ ފަރާތްތަކަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރަމުން އަންނަ އިރު، މި ދެ އޭޓީސީ ރޭޓިން ޓްރެއިނިން ފެށުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.