މިދުވަސްވަރު ރާއްޖެ އަންނަ މަތިންދާބޯޓުގެ އަދަދު އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޕާކިން ޖާގަ ނެތިގެން އާ ރަންވޭމަތީގައި ބޯޓުތައް ޕާކުކުރަން ފަށައިފި އެވެ.

އާ ރަންވޭގެ ހުރިހާ މަސައްކަތެއް 2018 ވަނަ އަހަރުގެ އޮގަސްޓްމަހު ނިންމާފައިވާއިރު، އެ ރަންވޭ އަދިވެސް ބޭނުންކުރަން ނުފަށަ އެވެ. އެ ރަންވޭއަކީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށް ވާ އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ގޮތަށް ތަރައްގީ ކޮށްފައިވާ ރަންވޭ އެކެވެ. ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފް މިއަދު ވިދާޅުވީ އިއްޔެއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މަތިންދާބޯޓު ޖެއްސި ދުވަސް ކަމަށެވެ. އެއާއެކު އެއާޕޯޓުގެ ޕާކިން ޖާގަ ނެތިގެން ބައެއް ބޯޓުތައް އާ ރަންވޭ މަތީގައި ވެސް ޕާކުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަގުތީގޮތުން އާ ރަންވޭ މަތީގައި ބައެއް ބޯޓުތައް ޕާކުކޮށްފައި ހުންނާނެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވަނީ މި އެއާޕޯޓަށް ޖައްސާފައި،" ހަސަން ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގައި އަލަށް ހެދި ރަންވޭ: މި ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރޭ. ފޮޓޯ: ޝިންހުއާ

އޭނާ ވިދާޅުވީ އެއާޕޯޓުގެ ޕާކިން ޖާގަ އިތުރުކުރަން ހުޅަނގު އޭޕްރަން ބޮޑުކުރަން ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 270،000 އަކަމީޓަރުގެ ޖާގަ އިތުރުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އެ މަޝްރޫއު ނިމުމުން ޕާކިން މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މަސައްކަތް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ވެސް އާ ރަންވޭ މަޝްރޫއު ކުރިޔަށް ގެންދިޔަ ޗައިނާގެ ބީޔޫސީޖީންނެވެ.