ކޮރަޕްޝަނަށް މަގުފަހު ނުވާނެ ގޮތަށް ޓްރާންސްޕޭރަންޓް ނިޒާމެއްގެ ތެރެއިން ބީލަމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޓެންޑާއާ ގުޅޭ ހާއްސަ ޕޯޓަލްއެއް އެމްއޭސީއެލްއިން ގާއިމްކޮށްފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް ހިންގާ ކުންފުނިން މި ޕޯޓަލް ގާއިމް ކުރިކަން އިއުލާންކުރީ އެ ކުންފުނިން އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މި ޕޯޓަލް ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައި ވަނީ، އަންނަ އާދިއްތަ ދުވަހު އެވެ.

އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ވަނީ މިއީ ޓެންޑާއާ ގުޅޭ މަސައްކަތްތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ސްޓްރީމްލައިންކޮށް އޮޓޮމޭޓްކޮށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ. މި ޕޯޓަލްގައި ހިމެނެނީ ވިޔަފާރިތަކަށް ބީލަމުގައި ރަޖިސްޓްރީވުމާއި އެކަމަށް ޖަވާބުދިނުން ކޯޓޭޝަން ހޯދުމަށް އެދުން ފަދަ ކަންކަމެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުން

އެ ޕޯޓަލް ޑިޒައިންވާނީ ޕްރޮކިއުމަންޓް ކަންކަން ވީހާ ވެސް ބޮޑަށް ދެފުށް ފެންނަ، އިންސާފުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް އެމްއޭސީއެލް ބުންޏެވެ. މީގެ މައިގަނޑު މަގްސަދަކީ، އެމްއޭސީލްގެ ބީލަންތަކުގައި ބައިވެރިވުމަށް ވިޔަފާރިތަކުގެ ޝައުގުވެރިކަން އިތުރުކޮށް، ޕްރޮކިއުމަންޓް މަރުހަލާއަކީ ހަރުދާނާ ގޮތެއްގައި ކުރިއަށްދާ އަދި އިތުބާރު ހިފޭ ނިޒާމެއްކަން ކަށަވަރު ކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކަރުދާހުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވީހާ ވެސް މަދުކުރުމަކީ ވެސް އަމާޒެއްކަން ފާހަގަކޮށްފައިވެ އެވެ.

އެމްއޭސީއެލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިއީ، އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕޯޓަލް ތައާރަފްވުމަކީ، ކުންފުނި ހިންގުމުގައި ހާމަކަމާއި އެފިޝިއެންސީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ދެކޭގޮތުގައި މި ޕޯޓަލްގެ ސަބަބުން ވިޔަފާރިތަކަށް އިތުރަށް ފަސޭހަވެ، މުޅި ޕްރޮކިއުމަންޓް މަރުހަލާ އިތުރަށް ހަރުދަނާވެގެންދާނެ އެވެ.