ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ބިނާރު"ގެ ނަމުގައި ފެށި ސަލާމަތާއި ރައްކާތެރިކަމާއި ސިއްހީ ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވީއައިއޭ ކޮމިއުނިޓީގައި ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހަތު ކުރިއެރުވުމުގެ މަގްސަދުގައި ބޭއްވި ހަރަކާތް މިމަހުގެ 4 ގައި އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޑރ. މާރިޔާ އަހުމަދު ދީދީ އެވެ.

ބިނާރު ކެމްޕެއިންގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތަކީ މާޗް 4 ގައި ބޭއްވި ސޭފްޓީ ރަން އެވެ. މި ދުވުމަކީ އެއާޕޯޓް ކޮމިއުނިޓީގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ދުވުމެކެވެ.

އޭގެ އިތުރުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސްޓާފް ހެލްތް ސްކްރީނިން ހަރަކާތުގައި 500 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ސްކްރީންކޮށްފަ އެވެ. މި ހަރަކާތުގައި ބީއެމްއައި، ލޭގައި ހަކުރު، ހިތުގެ ބަލިތަކުގެ ނުރައްކާ، ލޮލާއި ދަތުގެ ޗެކްއަޕްތައް ވަނީ ހަދައިފަ އެވެ. މި ސްކްރީނިން ޕްރޮގްރާމްގެ އަމާޒަކީ މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް ބާރުއެޅުމާއި ސިއްހަތާއި ފިޓްނަސްއަށް ހޭލުންތެރިކުރުވުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލް ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ މި ކެމްޕެއިންގެ ދަށުން ބޮޑެތި 18 ޓްރެއިނިން ސެޝަނާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މި ހަރަކާތްތަކުގެ ތެރޭގައި އެއާލައިން ހޭންޑްލިން އެޖެންޓުންނާއި އެއާޕޯޓުގެ މަންދޫބުންނަށް ބޭނުންވާ އަސާސީ ސަލާމަތީ ތަމްރީނާއި، ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ސެޝަނުގެ މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ސެކިއުރިޓީ އެންޑް ސެކިއުރިޓީއާ ބެހޭ ސެޝަނަކާއި، ޝައްކުކުރެވޭ އަމަލުތައް ދެނެގަތުމާ ބެހޭ ގޮތުން ސެކިއުރިޓީ އެވެއާނެސް ސެޝަނާއި، އެސްއޯޕީ އަދި ސިސްޓަމް އެވެއާނެސް ޓްރެއިނިންގެ އިތުރުން އެއާލައިންތަކަށް އެއާސައިޑް ސޭފްޓީ ސްޓޭންޑާޑްސް އާއި އެއާލައިން ޑިސްޕެޗް އަށް އަމަލު ކުރުމަށް ޓްރެއިނިން ސެޝަނެއް ހިމެނި އެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މަންޓާ އެއާ އާއި ވިލާ އެއާ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ބިނާރު"ގެ ނަމުގައި ފެށި ސަލާމަތާއި ރައްކާތެރިކަމާއި ސިއްހީ ކެމްޕޭންގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނިގޮތުގައި މި ހަރަކާތްތަކުގައި 300 އަށްވުރެ ގިނަ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ.

ބީނާރު ކެމްޕެއިންގައި އޭވިއޭޝަން އިންޑަސްޓްރީގައި ސަލާމަތާއި ރައްކާތެރިކަމުގެ އިޖުރާއަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ސޭފްޓީ އެންޑް ސެކިއުރިޓީ އެވެއާނެސް ކުއިޒެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އެއާޕޯޓު ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކުއިޒްގައި އެއާޕޯޓުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގެ 60 ދަރިވަރުންނަށް އެއާޕޯޓް ފެމިލިއަލައިޒޭޝަން ޓުއައެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޓުއާގައި ދަރިވަރުންނަށް އެއާޕޯޓުގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ދީ، މުހިންމު އޮފީސްތަކަށާއި އެއާޕޯޓް ޓާމިނަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ފަޔާ ޕްރިވެންޝަން ޓީމުން އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގެ ކަނޑައެޅިފައިވާ ފަޔާ ވޯޑަންތައް ތަމްރީނު ކުރުމަށް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އަލިފާނުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިމާރާތް ހުސްކުރުމަށް މުވައްޒަފުން ތަމްރީނު ކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓާއި ޕާލޭ އާއި އެއާޕޯޓް ޕޮލިސް އަދި އެމްއެންޑީއެފް ގުޅިގެން ކާމިޔާބުކަމާއެކު ވެކްޓާ ކޮންޓްރޯލަކާއި ސާފުކުރުމުގެ ހަރަކާތެއް މިމަހުގެ 9 ގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެއާޕޯޓުގެ ފަސް ޒޯނަކުން ޖުމްލަ ނުވަ ޓަނުގެ ކުނި ނަގާފައިވެ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ބީނާރު ކެމްޕޭނަކީ އެއާޕޯޓުގެ ސަލާމަތާއި މުވައްޒަފުންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި ވީއައިއޭ ކޮމިއުނިޓީގައި ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހަތު ކުރިއެރުވުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރަމުން އަންނަ އިރު، މި އަމާޒަށް ވާސިލްވުމަށް އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.