ޑުބާއީން މާލެ އައި ފްލައި ޑުބާއީގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖެއްސުމުގެ ތެރޭގައި ފުރޮޅެއް ފަޅައިގެން ދިއުމުން އެއާޕޯޓުގެ ރަންވޭ ބަންދުކުރުމަށްފަހު އަލުން ހުޅުވާލައިފި އެވެ.

ފްލައި ޑުބާއީގެ ބޯޓު ބޮއިން 737 މެކްސް 9 މަރުކާގެ ބޯޓުގެ ފުރޮޅު ފަޅައިގެން ދިޔައީ މިއަދު މެންދުރު 2:18 ގަ އެވެ. އަދި އެ ބޯޓު އެތަނުން ނެގޭނެ ގޮތެއް ނެތިގެން ރަންވޭ އޮތީ ވަގުތީ ގޮތުން ބަންދުވެފަ އެވެ.

މިއީ 2018 ވަނަ އަހަރު އުފެއްދި ބޯޓެކެވެ. އެ ބޯޓުގެ އެއްފަރާތުގެ ލޭންޑިން ގިއަރުގެ ފުރޮޅުތައް ފަޅައިގެން ގޮސް، ރޯވެ އަނދާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، ފްލައި ޑުބާއީގެ ބޯޓު ރަންވޭ މަތިން ނަގައި، އާއްމު ދަތުރުތައް ހަވީރު 5:45 ގައި އަލުން ފަށާފައިވާ ކަމަށެވެ.

"ދިމާވާ ދަތިތަކަށް މައާފަށް އެދެން. އަދި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަން،" އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އެ ބޯޓު ޖެއްސިއިރު 83 ޕަސިންޖަރުން ތިއްބެވެ.

މިއީ ވީއައިއޭގެ އާ ރަންވޭ މިދިޔަ އޮކްޓޯބަރު މަހު ބޭނުންކުރަން ފެށި ފަހުން ރަންވޭ ބަންދުވި ފުރަތަމަ ފަހަރެވެ.

ވީއައިއޭގެ ރަންވޭ ބަންދުވުމާ ގުޅިގެން ހަތަރު ފްލައިޓެއް ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓްކޮށްފަ އެވެ. އެގޮތުން ސްރީލަންކަން އެއާލައިންސް އާއި އިންޑިގޯ، އެމިރޭޓްސް އަދި ހަނިމާދޫ އާއި އިފުރުން ފަސިންޖަރުން ގޮވައިގެން މާލެ އައި މޯލްޑިވިއަންގެ ބޯޓު ވެސް ޑައިވާޓްކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން ބޭރުގެ ބައެއް އެއާލައިންތަކާއި ރާއްޖޭގެ ބައެއް އެއާލައިންތަކުން ވެސް ވަރަށް ގިނަ ދަތުރުތައް ކެންސަލް ކޮށްފައިވެ އެވެ.