ރިއަލް އެސްޓޭޓް ޓޫރިޒަމަށް ކަނޑައެޅި ސ. ހަންކެޑެ ތަރައްގީކުރަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް އުސޫލުން ހަންކެޑެ ތަރައްގީ ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުންނެވެ.

އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް (އީޕީސީ) އުސޫލުން ހަންކެޑެ ތަރައްގީކުރަން ހަވާލުކުރީ ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ އެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި މަޝްރޫއާ ބެހޭ އެއްވެސް ތަފުސީލެއް ހާމަނުކޮށް އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ކުރިޔަށް ގެންދަން ސޮއިކޮށްފައިވާ ކަމަށެވެ.

އެކަމަކު ސަރުކާރުން ކުރިން ބުނެފައި ވަނީ އައްޑޫގައި 8،000 އެނދު ސަރުކާރުން ތަރައްގީކުރާނެ ކަމަށެވެ. އަދި އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އެޅުމަށް ނިންމާފައި ވަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރި ވެސް ގާއިމު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ހަންކެޑެއިގައި ހިންގަން ހަމަޖެހިފައިވާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނޭ ކަމަށްވެ އެވެ. އެއިން ކޮންމެ ކޮޓަރިއެއް ވެސް ތަރައްގީކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް ބުނެފައިވެ އެވެ. އަދި ހަންކެޑެ ތަރައްގީކުރުމަށް، އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫ އާއި ގުޅުވާލުމުގެ މަސައްކަތް ކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫއު ވަނީ ފަށާފަ އެވެ.

ހަންްކެޑެ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2005 ވަނަ އަހަރު ތަރައްގީކުރަން ނިންމި ރަށެކެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ވެސް އެއްވެސް ކަމެއް އެތަނުގައި ނުކުރެ އެވެ. އޭރު އެތަނުގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނަގައިފަ އެވެ.

އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީ ކުރަން އެހެން ދެ ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ވަނީ ބާތިލްކޮށްފަ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އިތުރަށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށެއް ހުޅުވައިލައި އޭގެ ކޮންމެ ރަށަކުން އެކުއިޒިޝަން ފީގެ ގޮތުގައި ހަތް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ހޯދަން ވެސް ބަޖެޓު ކޮށްފައިވެ އެވެ. އަދި ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ވެސް އަންނަ އަހަރުގެ ބަޖެޓުގައިވެ އެވެ.