މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

ކެއާ ސޮސައިޓީ އާ ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާޙިމް ތޯހާ އެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މިއަދު އިފްތިތާހް ކުރި އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ އިންޓާންޝިޕްގެ އިތުރުން މިއަދު ސޮއިކުރި އެއްބަސްވުމުގައި ކެއާ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާކޮށް ދިނުމަށް އެމްއޭސީއެލްއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓީގެ ފަންޑު ފޮށިތައް ބެހެއްޓުމަށް ވެސް އެއްބަސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްގީ އާއި މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ކަމަށް ތޯހާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލްއާއެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެ ކަމަށް ގަބޫލުކުރައްވައި، އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.