މިދިޔަ އެޕްރީލް މަހު މީރާއަށް 1.86 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 ގިނަ އަދަދެކެވެ. ނަމަވެސް، އެޕްރީލް 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.2 ދަށް އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، އެޕްރީލް 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީއސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުންޏެވެ. އަދި، މިދިޔަ އަހަރުގެ މާޗް މަހާ އަޅައިބަލާއިރު މި އަހަރުގެ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1 ޕަސެންޓަށް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

މި އަހަރުގެ އޭޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުން ކަމުގައި މީރާއިން ބުންޏެވެ. މީގެ ސަބަބަކީ، ޖީއެސްޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއާޕޯޓް ޓެކުހާއި ފީގެ ސުންގަޑިތަކަށް ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކައިފައި ނުވުން ކަމުގައި މީރާއިން ބުންޏެވެ. އަދި، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހަށް ފަސްކުރި ނަމަވެސް، ގިނަ ޓެކްސް ދައްކާ ފަރާތްތަކުން މި ފީ މި މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދައްކައިފައިވާ ކަމަށް މީރާއިން ބުންޏެވެ.