މިއަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 20،612 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 44.4 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް ދުވަސްތެރޭ ރާއްޖެއަށް އައީ 37،048 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތް ދުވަސް ތެރޭ ރާއްޖެއަށް 20،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިއިރު، މިއީ ބޯޑަރު އަލުން ހުޅުވާލި ފަހުން މިދިޔަ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޯކްޓޫބަރު މަހު ރާއްޖެއަށް 21،515 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ނޮވެމްބަރު މަހު ރާއްޖެއަށް 35،759 ޓޫރިސްޓުން އައިއިރު، ޑިސެމްބަރު މަހު ރާއްޖެއަށް އައިސްފައިވަނީ 96،225 ޓޫރިސްޓުންނެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 4،195 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ހަތް ދުވަސް ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 5،331 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާއިރު، މިދުވަސްކޮޅު ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް އިތުރުވެ އެވެ. ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާއްމުގޮތެއްގައި ޓޫރިސްޓުން މިހާރު ރާއްޖޭގައި 10 ދުވަސް ހޭދަކުރެ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 565 ފެސިލިޓީއަކުން 4،1982 އެނދުވަނީ އަލުން މާކެޓަށް ނެރެފަ އެވެ.