މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25000 ރުފިޔާ ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ

އެމްއޭސީއެލްއިން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ 2022 ވަނަ އަހަރު އެކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން 6 މަސްދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ ޕްރޯ ރާޓާގެ އުސޫލުން ކަމަށެވެ.

މިއުސޫލުގެ ދަށުން ބޯނަސްދޭނީ ޚިދުމަތަށް ނުކުމެފައިވާ ދުވަސްތަކުގެ ނިސްބަތަށް ބަލައިގެންނެވެ. މިގޮތުން ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދިނުމަށް ކުންފުނިން ވަނީ ނިންމާފަ އެވެ.

އެމްއޭސީއެލްއިން ބުނީ އެންމެ ލަސްވެގެން މިދިޔަ އަހަރުގެ ބޯނަސް މިމަހުގެ 13 ގެ ކުރިން ޖަމާކުރެވިގެންދާނެ ކަމަށެވެ.

ބޯނަސްދޭން ކުންފުނިން ނިންމާފައިވީ ނަމަވެސް އެއްވެސް މައްސަލައެއްގެ ސަބަބުން ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ އެއްވެސް މުވައްޒަފަކަށް ބޯނަސް ނުލިބޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

2021 ވަނަ އަހަރުވެސް އަހަރީ ބޯނަސްގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ޕްރޯ ރާޓާގެ އުސޫލުން ކޮންމެ މުވައްޒަފަކަށް 25000 ރުފިޔާ ދީފަ އެވެ.