މިދިޔަ 20 ދުވަހުގެ ތެރޭގައި ރާއްޖެ އައީ 57،599 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 48.7 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 20ގެ ނިޔަލަށް 112،282 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަނީ 2،880 ޓޫރިސްޓުންނެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތެރޭގައި އެންމެ މަދުން ޓޫރިސްޓުން ރާއްޖެ އައީ އިއްޔެ އެވެ. އެއީ 1،872 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 18،880 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން 10،623 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން އައި ޔުކްރޭނުން އައީ 5،020 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 42،706 ޓޫރިސްޓު އެނދު އޮޕަރޭޓްކުރެ އެވެ. މީގެ ތެރޭގައި 142 ރިސޯޓާއި 11 ހޮޓަލާއި 143 ސަފާރީ އަދި 303 ގެސްޓް ހައުސް ހިމެނެ އެވެ.