އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތައް މީހުން ދިރިއުޅޭ ރަށްތަކުގައި ތަރައްގީ ކުރެވޭނެ ގޮތަށް އަދި ވަކިން ހިންގޭ ވިޔަފާރިތަކުގެ ތެރޭގައި ޔޮޓް މެރީނާތައް ހިމަނައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ އާ ގަވާއިދެއް ނެރެފި އެވެ.

ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ވަކި ޓޫރިސްޓް ރިސޯޓާއި ރިސޯޓް ހޮޓަލާއި ހޮޓާ އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ އެ ނޫން ވަސީލަތްތައް ވެސް ހެދޭނެ އެވެ. މީހުން ދިރިއުޅޭ ރަށްރަކުގައި އެފަދަ ރިސޯޓުތައް ހެދޭނީ ރިސޯޓުތަކުގައި ހުންނަން ޖެހޭ ހިދުމަތްތަކާއި ފަސޭހަތައް ލިބޭނެ ގޮތަކަށެވެ. އެކަމާ ގުޅޭ ތަފްސީލުތައް ޓޫރިޒަމް މިނިސްޓްރީ އާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށް، ކަނޑައަޅާންވާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގަން ވާނީ އެ ރިސޯޓުގެ އިތުރުން ރަށަށް ޒިޔާރަތްކުރާ އެހެން ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަކަށް ކަމަށް އެ ގަވައިދުގައިވެ އެވެ.

އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް، ފަޅުރަށްރަށުގައި ހިންގާ ނަމަ އެ ތަނުގައި ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ އެވެ. އެފަދަ ތަންތަނުގައި ގެސްޓް ހައުސްއެއް ހިންގުމަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކަނޑައަޅާ ރަށްރަށުގައި ވަކި ރިސޯޓެއް ހަދާ ނަމަ އެ ރިސޯޓެއް ހެދުމަށް އެ ރަށުގެ 50 ޕަަސެންޓް ބޭނުން ކުރެވޭނެ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޓަގްރޭޑެޓް ޓޫރިސްޓް ރިސޯޓުތަކުގައި ޔޮޓް މެރީނާތައް ވެސް އެޅޭނެ ކަމަށް ކަނޑައަޅައިފަ އެވެ.