އާ އަހަރުގެ ފުރަތަމަ މަސް ނިންމާލިއިރު ރާއްޖެއަށް 92،103 ޓޫރިސްޓުން އަތުވެއްޖެ އެވެ.

މުޅި ދުނިޔެއަށް މިދިޔަ އަހަރުގެ ކުރީކޮޅު ފެތުރުނު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އަހަރު ނިންމާލީ 555،494 ޓޫރިސްޓުންނާއެކު އެވެ. އެއީ 67.4 ޕަސެންޓްގެ ދަށުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 47 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. އެއީ 4،218 ޓޫރިސްޓުންނެވެ.

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 20،973 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 22.8 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 19،135 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 20.8 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔުކްރެއިނުންނެވެ. އެ ގައުމުން އައީ 7،210 ޓޫރިސްޓުންނެވެ. އެއީ މާކެޓް ޝެއާގެ 7.8 ޕަސެންޓެވެ.

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ 614 ޓޫރިސްޓު ފެސިލިޓީއެއްގެ 43،320 އެނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.