އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކަލަންޑަރު ނެރެދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޠާހާ އެވެ.

އެމްއޭސީއެލް އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ. ދެހާސް ސައްވީސް ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރި މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީ ވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުމަށެވެ. އަދި މިކުދިންނަކީ ތަފާތުތަކާ އެކު ވެސް މުޖްތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުން އެފަދަ ކުދިންނާ މެދު ދެކޭގޮތް ރަނގަޅު ކުރުމެވެ.

"ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުޟޫއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައިވެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޠާހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް 2024 ވަނަ އަހަރުގެ އެމްއޭސީއެލްގެ ކަލަންޑަރުގައި ހިމެނިގެންދިއުމަކީ އެހެން ހުރިހާ އަހަރުތަކަށްވުރެ 2024ގެ ކަލަންޑަރު ޚާއްސަވާ ސަބަބެއް ކަމަށެވެ.

އެމްއޭސީއެލް 2024 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"އަޅުގަނޑުމެންގެ މަގްސަދަކީ އެކުދިންނަށް އެކުދިންގެ ހުނަރާއި ޤާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން." ޠާހާ ވިދާޅުވި އެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަކުރުމުގެ އިތުރުން، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިއްވަރުދީ ފުރުސަތު ފަހިކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތައް ކުރެވެމުންނެވެ.