ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ސީޕްލޭން އެއާ ޓްރެފިކް މޫވްމެންޓުގެ އާ ރެކޯޑެއް ހަދައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ އިއްޔެ ސީޕްލޭންގެ 649 އެއާ ޓްރެފިކް މޫވްމަންޓް (އޭޓީއެމް) ރެކޯޑު ކޮށްފައިވާ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ފެށުމާއެކު މިއީ އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫވްމަންޓް ހެދި ފަހަރެވެ. މި ރެކޯޑު ހަދާފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސީޕްލޭން މޫވްމަންޓްސް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގައި 629 ސީޕްލޭން ދަތުރު ރެކޯޑުކޮށްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1.8 މިލިއަން ޓޫރިސްޓުން ވެސް ޒިޔާރަތްކުރި އެވެ.

ސީޕްލޭން އޮޕަރޭޝަންގެ ރެކޯޑު އެމްއޭސީއެލްއިން ހަދާފައިވާއިރު، ވެލާނާ އެއާޕޯޓުގެ އައު ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފާށާފައިވަނީ 2022 ވަނަ އަހަރު އެވެ.