ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހަދާ ޓާމިނަލްގައި އެއިރޯބްރިޖްތައް ހަރުކުރަން ފަށައިފި އެވެ.

މީގެ ހަތް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަދަން ފެށި އާ ޓާމިނަލްގައި މަތިންދާބޯޓަށް އަރަން ބޭނުންކުރާ ހަ އެއިރޯބްރިޖް ހަރުކުރަން ނިންމާފައިވެ އެވެ. މިއީ ރާއްޖޭގެ އެއާޕޯޓެއްގައި އެއިރޯބްރިޖް ހަރުކުރާ ފުރަތަމަ ފަހަރެވެ.

ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހަދާ އާ ޓާމިނަލްގެ ފުރަތަމަ ބުރިން ސީދާ މަތިންދާބޯޓަށް އެރޭ ގޮތަށް އެއިރޯބްރިޖްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވަނީ އާ ޓާމިނަލްގައި އެއިރޯބްރިޖްތައް ހަރުކުރާ ފޮޓޯތައް އާއްމުކޮށްފަ އެވެ.

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެ އެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުކުރާނެ އެވެ. އެއާއެކު އިންޓަނޭޝަނަލް އާ ބްރޭންޑްތައް ރާއްޖެ އަށް ތައާރަފުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް

ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަޝްރޫއު ނިމޭއިރު، އެއާޕޯޓުގެ މުޅި މަލަމަތި ބަދަލުކޮށްލާނެ އެވެ. 2016 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި މި ޓާމިނަލް މި އަހަރު ފަހުކޮޅު ބޭނުންކުރަން އެމްއޭސީއެލް އިން ވަނީ އަމާޒު ހިފައިފަ އެވެ.

މިހާރުގެ ޓާމިނަލާ އިންވެގެން ހަދާ އާ ޓާމިނަލްގެ މަޝްރޫއުއާ އެކު އެ އަދަދު 10 ގޭޓް ހުންނާނެ އެވެ.