އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ އުރީދޫ މޯލްޑިވްސް އިން އަމާނަ ތަކާފުލް މޯލްޑިވްސް އާ ގުޅިގެން ތައާރަފް ކުރާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

މިގޮތުން މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރ އާ ހަމައަށް ބަދަލު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ކުއްލިހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ އެވެ. ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމެނިފައިވާނެ އެވެ.

މީގެ އިތުރުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އެވެ. ހަމައެހެންމެ ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ބަދަލުދެވޭ އުސޫލުތަކެއް ހިމެނިފައިވާނެ އެވެ.

ކަސްޓަމަރުންނަށް މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނަންގަވާލެވިދާނެ އެވެ. މިޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރައްވާ ބޭފުޅުންނަށް ހާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެއެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުކަ ކަމަށް އުރީދޫން ބުންޏެވެ. މިޕެކޭޖުގެ އަގު މިކަނޑައެޅިގެންދަނީ ނަންގަވާ މުއްދަތަކަށާއި ދަތުރު ކުރައްވާ ގައުމަކަށެވެ. މިގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރައްވާނަމަ ދައްކާލަން ޖެހިވަޑައިގަންނަވަނީ އެންމެ 117 ރުފިޔާއަށް ކަމަށް އުރީދޫން ބުންޏެވެ.

"ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުޅުވެމުންދޭ. ކަމެއްގެ ހައްލު ތިލަކޮށް ނުދެވެންޏާ މީހުނަށް އެމީހުން ބޭނުންވާ އެއްޗެއް ނޭނގޭ. އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށްކަތާވަރުގެ އަގެއްގައި، އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް." އަމާނާ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެމް-ފައިސާ ބެނުންކޮށްގެން ފަސޭހަކަމާއެކު އުރީދޫ ސުޕައެޕް މެދުވެރިކޮށް އިންޝުއަރަންސް ޕްލޭން ބައްލަވައިގަނެވޭނެ ކަމަށެވެ.

"ޑިޖިޓަލް މޯލްޑިވްސް އަކަށް ބޭނުންވާނެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް އުރީދޫއިން އަބަދުވެސް މިދަނީ ހޯދަމުން. އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މިދަނީ މަސައްކަތްކުރަމުން." ނިޔާޒް ވިދާޅުވި އެވެ.

މިޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެބޭފުޅަކަށްވެސް ނަންގަވާލެވިދާނެ އެވެ. އަދި އެހެންމެ އެއްކޮށް ދަތުރު ކުރައްވާ ބޭފުޅުންނަށް ވަކި ވަކި ޕެކޭޖު ބައްލަވައި ގަތުމުގެ ބަދަލުގައި އެއްޕެކޭޖުގައި ހުރިހާ ބޭފުޅުން ހިމަނާލެވުމުގެ ފަސޭހަވެސް ލިބިގެންދެ އެވެ.

މިޕެކޭޖުން ބަދަލު ހޯއްދެވުމަށްޓަކައި އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށަހެޅުމުން ބަދަލު ފޯރުކޯށްދެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އެކި ސަރަހައްދުތަކުގައި ތިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.