މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަޔާ އެންޑް ރެސްކިއުގެ އިސްވެރިޔާ، އަހުމަދު ފަޔާޒް (ފަޔާ) 31 އަހަރަށްފަހު އެ ކުންފުނިން ވަކިވެވަޑައިގެންފި އެވެ.

ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ފަޔާ ފައިޓަރު، ފަޔާ އެމްއޭސީއެލް އިން ވަކިންވާން ނިންމާފައި ވަނީ މިއަދުން ފެށިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ އެއާޕޯޓު އިމަޖެންސީ ސާވިސަސް (އޭއީއެސް)ގެ ޑެޕިއުޓީ ޗީފް އޮފިސަރު ފަޔާ މަގާމުން އިސްތިއުފާ ދެއްވިކަން އަންގައި އެ ކުންފުނިން ނެރުނު އެނައުންސްމަންޓެއްގައި ވަނީ އޭއީއެސްގެ ތަފާތު ރޯލުތައް އޭނާ އަދާކުރައްވާފައިވާ ކަމަށެވެ. އަދި އޭނާގެ ލީޑަޝިޕްގެ ދަށުން އެ ޑިޕާޓްމަންޓްގެ ވަރަށް ގިނަ ކަންކަން ކުރިއަރާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ވެރިޔާ ޑެޕިއުޓީ ޗީފް އޮފިސަރު އަހުމަދު ފަޔާޒް ޓީވީއަކަށް އިންޓަވިއުއެއް ދެއްވަނީ.

އެމްއޭސީއެލްއާ 1990 ވަނަ އަހަރު ގުޅިވަޑައިގެންނެވި ފަޔާ މަގާމުން އިސްތިއުފާ ދެއްވުމުން ވަނީ ކުންފުންޏަށް ކޮށްދިން އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރާ ކަމަށް ބުނެ، ޝުކުރު އަދާކޮށްފަ އެވެ.

ފަޔާ މަގާމުން އިސްތިއުފާ ދެއްވިއިރު، މި ސަރުކާރު އައުމާއެކު އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ ރިފާއުއަށް ވެސް ތަފާތު ފިއްތުންތައް ކުރިމަތިވެ، އިސްތިއުފާ ދޭން އެންގުމުން، ވަކިނުވުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ޗީފް ފައިނޭޝަލް އޮފިސަރު ހާމިދު ރިޒާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އެމްއޭސީއެލްގެ އާ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް ޔޯގާ ސެޝަނެއްގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް

އެ ކުންފުނީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި އަދި އެ ކުންފުނީގެ ޚަރަދުގައި ތައުލީމް ހާސިލްކޮށްފައިވާ ތަޖުރިބާކާރު އިސް މުވައްޒަފުންތަކެއް އެތެރޭގެ ފިއްތުންތަކާ ހެދި މަޖުބޫރުވެގެން މަގާމުން ވަކިވާއިރު، ތަފާތު ނަންނަމުގައި ބިދޭސީންނަށް ބޮޑު މުސާރަ އާއި އިނާޔަތްތަކާއެކު ދަނީ މަގާމުތައް ދެމުންނެވެ. މިގޮތުން ފުރަތަމަ ފަހަރަށް އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރު އިނގިރޭސިވިލާތުގެ އެންޑްރޫ ސްޓުއާޓް ކިޔާ މީހަކު ހަމަޖެއްސިއިރު، ކުންފުންޏަށް މިދިޔަ ދުވަސްތަކުގައި އެދެވޭ ބަދަލެއް އައިތަނެއް ނުފެނެ އެވެ. އަދި އޭގެ އިތުރުން އެ ކުންފުނީގެ އޯރަޓް ޑައިރެކްޓަރަކަށް އިންޑިއާގެ މަޖޫ ޗެރިއަން މީހަކު މިދިޔަ ޑިސެމްބަރު މަހު ހަމަޖެއްސިއިރު، ދާދިފަހުން ވަނީ ޗީފް ބިޒްނަސް އެކްސެލެންސް އެންޑް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް އިނގިރޭސިވިލާތުގެ އެންޑްރޫ ޖީއީ ބެއާޑް ކިޔާ މީހަކު ހަމަޖައްސައިފަ އެވެ. އަދި އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރުގެ މަގާމަށް ވެސް އިނގިރޭސިވިލާތުގެ ޖޯން ބްރޮޑްހެޑް ކިޔާ މީހަކު ދާދިފަހުން ހަމަޖައްސާފައިވެ އެވެ.