އޯތެންޓިކް މޯލްޑިވްސްގެ އާ ފިހާރައެއް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީބީސީ)އިން މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ކެއިކޯ ޔަނާއީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

އޯތެންޓިކް މޯލްޑިވްސްއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދީ އެފަދަ ވިޔަފާރިތަކުން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ކަނޑަޅާފައިވާ ޕްލޭންގެ ދަށުން ހުޅުވި ފިހާރަ އެކެވެ.

ލޭގައި ރޭ ހުޅުވި އޯތެންޓިކް މޯލްޑިވްސްގެ އާ ފިހާރާގައި ހުރި ބައެއް ތަކެތި

މި ފިހާރައިން ވިއްކުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ ހުނަރުވެރިކަމާ އުފެއްދުންތެރިކަން ދައްކުވައިދޭ ދިވެހިވަންތަ އުފެއްދުންތަކެވެ. އަދި އެ ފިހާރަ ތެރޭގައި ފަރުނީޗަރު ފަރުމާކުރާ ފަރާތްތަކަށް "ޝޯރޫމް ކޯނާ" އެއްވެސް ވަނީ ފަރުމާކޮށްފަ އެވެ.

އޯތެންޓިކް މޯލްޑިވްސްގެ އިތުރު ދެ ފިހާރައެއް ހުޅުމާލެއާއި ހުޅުލޭގައި ހުންނައިރު، މި ފިހާރަތަކުގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކުގައި ވިއްކުމުގެ މަގު ފަހިވެގެންދާނެކަމަށް ބީސީސީއިން ބުންޏެވެ. އަދި މިއީ ދިވެހި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށް ވެސް ބީސީސީއިން ބުންޏެވެ.

އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަށް ދިވެހިންނާއި ޓޫރިސްޓުންގެ ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ހުޅުލޭގައި ގާއިމްކޮށްފައިވާ އޯތެންޓިކް މޯލްޑިވްސްގެ ފިހާރާގައި 60 އަށްވުރެ ގިނަ ފަރާތްތަކަށް އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދީފައިވާއިރު، ހުޅުމާލޭގެ ސެންތްރޯ މޯލްގައި ހުންނަ ފިހާރާގައި 50 އަށްވުރެ ގިނަ ފަރާތަށް އުފެއްދުންތައް ވިއްކުމުގެ ފުރަސަތު ދީފައިވެ އެވެ.

ލޭގައި ރޭ ހުޅުވި އޯތެންޓިކް މޯލްޑިވްސްގެ އާ ފިހާރަ ތެރެއިން މަންޒަރެއް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިވެހި އުފެއްދުންތެރިންނަށް ހަމަހަމަ ފުރުސަތު ހޯދަދިނުމަށް އޯތެންޓިކް މޯލްޑިވްސްގެ އިތުރު ބްރާންޗްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތްކުރާ ކަމަށް ބީސީސީއިން ބުންޏެވެ.