އައިފޯނުގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 14 ގައި، އެއްވެސް އެޕަކުން ތިމާ އަށް ފާރަލަންނާ އެކަން އިނގޭނެ ފީޗާއެއް ހިމަނައިފި އެވެ.

މި ހަފްތާގެ ތެރޭގައި ނެރުނު އައިއޯއެސް 14 ގައި އެޕްލިކޭޝަނެއް މެދުވެރިކޮށް ތިމާއަށް ފާރަލާން މައިކްރޯފޯނު އެކްޓިވޭޓްވެފައި ހުރިއްޔާ ފޯނުގެ މަތީ ކަނަށް އޮރެންޖްކުލައިގެ "ޑޮޓެއް" އަރާނެ އެވެ.

ހަމަ އެފަދައިން ފޯނުގެ ކެމެރާ އެކްޓިވޭޓް ވެއްޖެ ނަމަ ޑޮޓުގެ ކުލަ ގަދަ ފެހި ކުލައަށް ބަދަލުވާނެ އެވެ.

ނަމަވެސް ޒޫމް، ފޭސްބުކް މެސެންޖާ އިން ވީޑިއޯ ކޯލް ކުރާ އިރު އެކީ ކެމެރާ އާއި މައިކްރޯފޯނު ބޭނުންވާ އެޕްލިކޭޝަންތައް ކަމުން މި ޑޮޓް ފެންނަން ހުއްޓަސް އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.

އައިފޯނު ބޭނުންކުރާ ފަރާތްތަކުން ސެޓިންގ އަށް ގޮސް ޕްރައިވެސީ އިން މައިކްރޯ ފޯނާއި ކެމެރާ ބޭނުންކުރާ އެޕްތައް ސްވިޗްއޮފް ކުރެވިދާނެ އެވެ.