މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 255،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 255،903 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް 4،509 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 66،918 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މުއްދަތުގައި ވެސް 382،075 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ މިނިސްޓްރީން ލަފާކުރަނީ މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާއްމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3،222 ޓޫރިސްޓުން އާދެ އެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން އާންމު ގޮތެއްގައި 8 ދުވަސް ހޭދަކުރެ އެވެ.