މިމަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 100،000 އަށް އަރައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހު 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ލައްކަ ޓޫރިސްޓުން އައި ފުރަތަމަ މަހެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެ މަހު އައިސްފައި ވަނީ 96،882 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު އައީ 92،103 ޓޫރިސްޓުންނެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާއިންނެވެ.

މިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަށްވުރެ މައްޗަށް އެރުން ފާހަގަކޮށް، އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ މިއަދު ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.

މިމަހު ރާއްޖެއަށް އައި އެއް ލައްކަވަނަ ފަތުރުވެރިޔާއަކީ ހަނީމޫނަށް ރާއްޖެއަށް އައި މިސްރުގެ ހަނާ މުހައްމަދު އެވެ. އޭނާއާއެކު ފިރިމީހާ އަހުމަދު ކަމަލް މުސްތަފާ ވެސް ރާއްޖެއަ އެވެ.

މި ދެމަފިރިން އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި ފަސް ދުވަސް ހޭދަ ކުރާނެ އެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 283،383 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ

ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް 27 ގައި ބަންދުކޮށް، އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގައި އެވެ.