ޓޫރިޒަމް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަތް އަތޮޅަކުން 23 ރަށެއް މިއަދު ބީލަމަށްލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް، ރިސޯޓު ހަދަން ބީލަމަށް ލި ރަށްތައް ދޫކުރަން ހަމަޖެހިފައި ވަނީ 16 ފަރާތަކަށެވެ. ސަބަބަކީ ބައެއް ރަށްތައް ކުއްޔަށް ދެނީ އެއް ފަޅެއްގައި އޮންނަ އެހެން ރަށްތަކާ އެކު އެއް ބަޔަކަށް ކަމަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިސޯޓް ހަދަން ބީލަމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ:

  1. ހއ. ވެލިފިނޮޅު
  2. ހއ. އަލިދުއްފަރުފިނޮޅު
  3. ހދ. ކުޑަފަރުފަސްގަނޑު
  4. މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
  5. މ. މާއުސްފުށި
  6. ތ. ކާއްޑޫ
  7. ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން
  8. ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު، ލ. ކަށިދޫ
  9. ލ. ބޮޑުމުންޏަފުށި
  10. ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)
  11. ގއ. މާރެހާ
  12. ގއ. ފުނަދޫވިލިގިއްޔާ
  13. ގދ. ކަނޑަހަލަގަލާ
  14. ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް
  15. ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު

މި ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ޓޫރިޒަމް މިނިސްޓްރީއިން ބާއްވާނަ އެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00 އާ ހަމައަށެވެ.