ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ބީބީސީ އިންޓަނޭޝަނަލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ، ކުރިން އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާކުރެވިފައި ވީނަމަވެސް މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ޓޫރިސްޓުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން، މިހާރުގެ އަދަދުތަކަށް ބަލާއިރު މިއަހަރުގެ ތެރޭގައި އެއް މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ރާއްޖޭގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ. އަދި މިއަހަރަށް ކަނޑައެޅި އެއް މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާސިލްވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިފާބުތަކަށް ބަލާއިރު ޓޫރިސްޓުން އެވަރެޖްކޮށް ރާއްޖޭގައި މިއަހަރު ހޭދަކުރަނީ 8 ރެ އެވެ. މިއީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު އެއް ދުވަސް އިތުރު އަދަދެކެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އަޑިއަޅާލުމަށްފަހު މިހާރު އަނެއްކާ ވެސް ރަނގަޅުވުމާއެކު ގައުމުގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް މިިނިސްޓަރ މައުސޫމް ވިދާޅުވި އެވެ.