ކުރު މުއްދަތާއި ދިގު މުއްދަތުގެ ޓްރާންސިޓު ޓޫރިސްޓުންނަކީ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ މިހާރު ނޫހުގައި ލިޔެފައިވާ "އެންމެ ހާލަތު ގޯސް އިންޑިއާގެ މީހުންނަށް ރާއްޖޭގައި ހާއްސަ "ކަރަންޓީން ޕެކޭޖު" މިހަބަރު ރީޓްވީޓް ކުރައްވަމުންނެވެ.

އިންޑިއާއަކީ މިހާރުގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާތީ އެކަމާއި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާނެހެން ‏ކުރު މުއްދަތާއި ދިގުމުއްދަތުގެ ޓްރާންސިޓު ޓޫރިސްޓުންގެ މާކެޓް ކުރިއަށް ގެންދަންވީ ކަމަށެވެ.

"ޑުބާއީ ސިންގަޕޫރު އެއީ މިކަމުގެ މިސާލު. ‏އެ މާކެޓުގެ ޓޫރިޒަމް ވެސް ކުރިއަށް ގެންދަން ވާނީ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާނެހެން،" މައުސޫމް ވިދާޅުވި އެވެ.

އިންޑިއާއިން ގަލްފަށް ދާ އެގައުމުގެ މީހުންނަށް ރާއްޖެއަކީ އެމީހުންގެ ކަރަންޓީނު މަންޒިލްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، މިކަމަށް ހާއްސަ ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އަންނަނީ އިންޑިއާ އިންނެވެ. އިންޑިއާގެ ޓޫރިސްޓުންގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ރާއްޖެ އަންނަ މިންވަރު މިފަހުން ވަނީ ގިނަވެފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ރާއްޖެ އައިސް، މީސް މީޑިއާގައި އާންމު ކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ އިތުރު ފަތުރުވެރިން އެ ގައުމުން ރާއްޖެ އަންނަން މެދުވެރިވާ އެއް ސަބެބެވެ.