ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ސްވިޒަލޭންޑްގައި ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސްއިން ސްވިޒަލޭންޑްގައި ކުރިއަށް ގެންދާ މި ކެމްޕޭނަކީ "ލެޓްސް ގޯ ޓުއާސް" އާއި ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ދެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަގުސަދަކީ ސުވިސް މާކެޓުގައި ދިވެހިރާއްޖެއަކީ ރައްކާތެރި އަދި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. ފަތުރުވެރިންނަށާއި ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް މި ކެމްޕެއިންގެ ދަށުން އޮންލައިން އަދި އޮފްލައިން މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިކެމްޕެއިންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ ވާޗުއަލް ޑައިރެކްޓް ކަސްޓަމާ އިވެންޓެއް ކަމަށެވެ.

މިހަރަކާތުގައި އެ ގައުމުގެ 200 އަށް ވުރެ ގިނަ ޓްރެވެލް އެޖެންޓުން ބައިވެރި ވާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެ އެވެ. އަދި 1900 ޓްރެވެލް ޓްރޭޑް މެންބަރުންނާއި 8500 ޕްރައިވްޓް ކްލައިންޓުންނަށް ރާއްޖެ އިސްތިހާރު ކުރަން ނިވްސް ލެޓާ ފޮނުވާނެ އެވެ.

މިއަހަރުގެ ފެބްރުއަރީމަހާއި ހަމައަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސްވިޒަލޭންޑަކީ ދިވެހިރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.