މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފި އެވެ.

މަހަކު އެއް ފަހަރު ނެރޭ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މާޗު މަހާ އަޅާ ބަލާއިރު 18،385 މީހުންނަށް ވަނީ ދަށްވެފަ އެވެ. އެގޮތުން މާޗު މަހު ރާއްޖެއަށް ޓޫރިސްޓުން 109،585 އައިސްފައިވެ އެވެ. އަދި އޭޕްރީލް މަހު އައީ 91،200 ޓޫރިސްޓުންނެވެ. އޭޕްރީލް މަހަކީ މި އަހަރު ފެށުނު ފަހުން ރާއްޖެއަށް ޓޫރިސްޓުން އެންމެ މަދުން އައި މަހެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ މާޗު މަހުގައި ބަންދުކުރުމަށްފަހު އަލުން ހުޅުވައިލުމުން މަޑުމަޑުން ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވާން ވަނީ ފަށައިފަ އެވެ. އަދި މާޗު މަހުގައި ބޯޑަރު އަލުން ހުޅުވައިލި ފަހުން ފުރަތަމަ ފަހަރަށް އެއްލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މާޗު މަހުގައި އެވެރެޖުކޮށް ކޮންމެ ދުވަހަކު 3،355 ޓޫރިސްޓުން ރާއްޖެ އައިއިރު އޭޕްރީލް މަހު ދުވާލެއްގެ މައްޗަށް އެވެރުޖުކޮށް ޒިޔާރަތްކުރީ 3،040 ޓޫރިސްޓުންނެވެ. އޭޕްރީލް މަހުގައި ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް އެވެރެޖުކޮށް ޓޫރިސްޓުން ހޭދަކުރި މުއްދަތު ވަނީ އިތުރުވެފަ އެވެ. އެގޮތުން 9.3 ދުވަސް އެވެރެޖުކޮށް ޓޫރިސްޓުން އޭޕްރީލް މަހު ހޭދަކޮށްފައިވާއިރު، މާޗު މަހު ޓޫރިސްޓަކު އެވެރެޖުކޮށް ހޭދަކުރީ 8.7 ދުވަހެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ އިންޑިޔާއިންނެވެ. އެ ޤައުމުން 86،648 ފަތުރުވެރިން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިޔާއިން 86،452 ޓޫރިސްޓުން އަ އެވެ.